ޚަބަރު

ބީޑަބްލިއުއެފްއިން ރާއްޖެއަށް އަޅާފައިވާ ފިޔަވަޅުތައް އުވާލައިފި


ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އަށް ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން އަޅާފައިވާ ފިޔަވަޅުތައް އުވާލައި، ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކުރުމުގެ ހުއްދަދީފިއެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން ބުނީ ރާއްޖޭގެ އެތުލީޓުންނަށް ބައިނަލްއަގްވާމީ އިވެންޓްތަކުގައި ބައިވެރިވުމުގެ ފުރުސަތު ބީޑަބްލިއުއެފްއިން 26 ޑިސެމްބަރުގެ ނިޔަލަށް ދީފައިވާކަމަށެވެ.

ބީޑަބްލިއުއެފްގެ މި ނިންމުމާއި ގުޅިގެން އޮކްޓޫބަރުމަހު ބަހްރެއިންގައި އޮންނަ އޭޝިއަން ޔޫތު ގޭމްސްއަށް ހޮވުނު އެތުލީޓުން ހިމެނޭ ގޮތަށް މި މުއްދަތުގެ ތެރޭގައި ރާއްޖޭ ތަމްސީލުކުރުމުގެ ފުރުސަތު ރާއްޖެއަށް ވަނީ ފަހިވެފައެވެ.

ބީޑަބްލިއުއެފްއިން މި ގޮތަށް ނިންމާފައިވަނީ ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަން އިސްލާހުކުރުމަށް ކުރަމުންދާ މަސައްކަތަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ.

ބީޑަބްލިއުއެފްގެ މި ނިންމުމާއި ގުޅިގެން އެމްއޯސީގެ ރައީސް މުހައްމަދު އަބްދުއްސައްތާރު ވިދާޅުވީ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަނުގެ މި ނިންމުމަކީ ރާއްޖޭގެ އެތުލީޓުން ބައިނަލްއަގްވާމީ ފްލެޓްފޯމުތަކުގައި ވާދަކުރުމަށް ވަރުބަލިކަމެއް ނެތި މަސައްކަތްކުރަމުން އަންނަ އެތުލީޓުންނަށް ފަހްރުވެރިކަމާއެކު ރާއްޖެ ތަމްސީލުކުރުމަށް އަނެއްކާވެސް އެޅިގެންދާ މުހިންމު ފިޔަވަޅެއް ކަމަށެވެ.

ސައްތާރު ވިދާޅުވީ ބީޑަބްލިއުއެފްގެ މި ނިންމުމަކީ ދިގު މުއްދަތަކަށް ރާއްޖޭގެ އެތުލީޓުންނަށް ބައިނަލްއަގްވާމީ ފުރުސަތުތައް ހޯދައިދިނުމަށް ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަންގެ ހިންގުން ހަރުދަނާކޮށް އަލުން އެސޯސިއޭޝަންގެ ކަންކަން ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު ހިތްވަރެއް ކަމަށެވެ.

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ އެތުލީޓުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް އަދި ރާއްޖޭގެ ބެޑްމިންޓަން ކުރިއެރުވުމަށް ބީޑަބްލިއުއެފްއިން ނިންމި ނިންމުމަށް މަރުހަބާ ކިޔާކަމަށްވެސް ސައްތާރު ވިދާޅުވިއެވެ.

ކޮމިޝަނަރ އޮފް ސްޕޯޓްސް އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން އެކުލަވާލި އެޑްހޮކް ކޮމިޓީގައި ބެޑްމިންޓަން އެސޯސިއޭޝަންގެ ކުރީގެ މެމްބަރެއް ހިމެނިފައިނުވާކަމަށް ބުނެ ބެޓްމިންޓަންގެ ބައިނަލްއަގުވާމީ މައި އިދާރާ، ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަނުން ވަނީ މެއި 16 ގައި ރާއްޖެ ސަސްޕެންޑްކޮށްފައެވެ.

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ޤަވާޢިދަށް ކޮންމެހެން ގެންނަންޖެހޭ ބަދަލުތައް ގެނެސް އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ އިންތިޚާބު ކުރެވެންދެން އެ އެސޯސިއޭޝަނަށް ދީފައިވާ ޤައުމީ ޙައިސިއްޔަތު، 30 އޭޕްރީލްގައި ވަނީ ވަގުތީ ގޮތުން އުވާލާފައެވެ.