ޔޫއޭއީގައި ބޭއްވި ބައިނަލްއަގުވާމީ ފޯރަމްގައި ދިވެހި ޤައުމިއްޔަތުގެ އިސްވަރުގެ ތާރީޚު އިސްވާރު، އަލްއުސްތާޛު ކަށިމާ އަޙްމަދު ޝާކިރު ހޯއްދެވި ކާމިޔާބީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ޔޫއޭއީގެ ޝާރިޖާގައި ބޭއްވި އިންޓަރނޭޝަނަލް ނެރޭޓަރސް ފޯރަމް 2025ގައި ދިވެހި ޤައުމިއްޔަތުގެ ތާރީޚުގެ އިސްވާރު ކަށިމާ އަޙްމަދު ޝާކިރަށް ވަނީ ޝަރަފުވެރި ރާވީގެ އެވޯޑް ލިބިވަޑައިގެންފައެވެ. މި އެވޯޑު ޝާކިރަށް އެރުވީ ޝާރިޖާގެ އަމީރު، ޞާޙިބުއްސުމުއްވު އައްޝައިޚު އައްދުކްތޫރު މުޙައްމަދު ބިން ޞުލްޠާނު އަލްޤާސިމީއެވެ.
ޔޫއޭއީގެ ޝާރިޖާގެ އިންސްޓިޓިއުޓު ފޮރ ހެރިޓޭޖުން އިންތިޒާމުކުރައްވައިގެން ބޭއްވެވި، ޝާރިޖާ އިންޓަރނޭޝަނަލް ނެރޭޓަރސް ފޯރަމް (2025)ގެ ޝަރަފުވެރި ރާވީގެ މަގާމު ޙާޞިލްކުރައްވައި، ޝާރިޖާގެ ޢިއްޒަތްތެރި އަމީރު ޞާޙިބުއްސުމުއްވު އައްޝައިޚު އައްދުކްތޫރު މުޙައްމަދު ބިން ޞުލްޠާނު… pic.twitter.com/YvQmssoZkv
— Dr Mohamed Muizzu (@MMuizzu) September 26, 2025
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ޔޫއޭއީގެ ޝާރިޖާގެ އިންސްޓިޓިއުޓު ފޮރ ހެރިޓޭޖުން އިންތިޒާމުކުރައްވައިގެން ބޭއްވެވި، ޝާރިޖާ އިންޓަރނޭޝަނަލް ނެރޭޓަރސް ފޯރަމް (2025)ގެ ޝަރަފުވެރި ރާވީގެ މަގާމު ޙާޞިލްކުރައްވައި، ޝާރިޖާގެ ޢިއްޒަތްތެރި އަމީރު ޞާޙިބުއްސުމުއްވު އައްޝައިޚު އައްދުކްތޫރު މުޙައްމަދު ބިން ޞުލްޠާނު އަލްޤާސިމީގެ އަތްޕުޅުން މި ފަޚްރުވެެރި އެވޯޑު ލިބިވަޑައިގަތްކަމަށް ޓަކައި، އަލްއުސްތާޛު ކަށިމާ އަޙްމަދު ޝާކިރަށް ތަހުނިޔާއާއި ހެޔޮ އެދުންތައް އަރިސްކުރައްވާކަމަށެވެ.
ޝަރަފުވެރި ރާވީގެ އެވޯޑު ދެއްވަނީ އެ ބޭފުޅަކު ޤައުމެއްގެ ތަރިކައިގެ ދާއިރާއަށް ކުރައްވާފައިވާ މަސައްކަތްތަކާއި ޚިދުމަތުގެ ސަބަބުން އެ ބޭފުޅަކީ އެ ޤައުމެއްގައި ތަރިކައިގެ ދާއިރާގެ ޚާޒާނާއެއްކަމަށް އެ ޤައުމެއްގެ ސަރުކާރުން ބަލައިގަންނަ ފަރާތަކަށެވެ. ކަށިމާ އަޙްމަދު ޝާކިރު ވަނީ ދިވެހި ތާރީޚާއި ގުޅޭ އެކި ދާއިރާތަކުން ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ.