ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ކުލަބު ވެލެންސިޔާ ތަފާތު ބޮޑު ނަތީޖާއަކުން ބަލިކޮށް އޮޑި ސްޕޯޓްސް ކުލަބުން އެއްވަނައަށް ޖެހިލައިފިއެވެ. އޮޑި ސްޕޯޓްސް ކުލަބު މެޗު ކާމިޔާބުކުރީ 7-1 ލަނޑުންނެވެ. މިމެޗަށް ނުކުތް އިރު ވެސް ލީގުގެ ކުޅުނު ފުރަތަމަ މެޗުން ދެޓީމު ވެސް ވަނީ މޮޅެއް ހޯދާފައއެވެ.
ލީގުގައި މިއަދު ކުޅުނު މެޗަށް ފަހު، ކޮންމެ ޓީމެއް މި ވަނީ ދެ މެޗު ކުޅެފަ އެވެ. އެއް ވަނައިގައި އޮތް އޮޑި އާއި ދެ ވަނައިގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އަދި ތިން ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަށް ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ.
ހަތަރެއްގައި އޮތް ބުރު ސްޕޯޓްސް ކްލަބަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ފަސް ވަނައިގައި އޮތް ވިކްޓަރީ ސްޕޯޓްސް ކްލަބާއި ހަ ވަަނައިގައި އޮތް ކްލަބް ވެލެންސިއާ އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ހަތް ވަނައިގައި އޮތް ކްލަބް އީގަލްސް އަށް ވަނީ ޕޮއިންޓެއް ލިބިފަ އެވެ. ޔުނައިޓެޑް ވިކްޓަރީ އާއި ޓީސީ ސްޕޯޓްސް ކްލަބް އަދި ގްރީން ސްޓްރީޓްސް އަށް ދެ މެޗުން ޕޮއިންޓެއް ލިބިފައިނުވެ އެވެ.
އޮޑި ސްޕޯޓްސް ކުލަބުން ޑޮމިނޭޓް ކޮއްގެން ކުޅުނު މެޗުގައި ވެލެންސިޔާ އަށް ލަނޑު ޖަހާނެ މާގިނަ ފުރުސަތުތަކެއް ނުލިބެއެވެ.
އޮޑި ސްޕޯޓްސް ކުލަބުން ވެލެންސިޔާގެ ގޯލް ހުޅުވާލީ މެޗުގެ 11 ވަނަ މިނިޓުގައެވެ. އޭރިޔާ ތެރެއިން އޮޑީގެ ލިތުއޭނިޔާގެ ފޯވާޑް ކަރޮލިސް ލައުކްޒެމިސް ފޮނުވާލި ބޯޅަ ގޯލަށް ވަނީ ވެލެންސިޔާގެ މޮލްޑޯވާގެ ކީޕަރު ވިއޮރެލް ބޮއިއާން އަތުގަ ޖެހިފައެވެ. އޭގެ މާގިނަ އިރުތަކެއް ނުވެ އޮޑީގެ ދެވަނަ ލަނޑު މެޗުގެ 13 ވަނަ މިނޓުގައި ޖަހައިދިނީ އޭރިޔާ ތެރެއިން މުޒްދާން ހަސަން ނަގައިދިން ބޯޅައަކުން އަބްދުﷲ ލޫތު އިބްރާހިމްއެވެ.
ގާތްގާތުގައު ޖެހި ދެލަނޑާއެކު އޮޑީގެ އެޓޭކްތައް އިތުރަށް ވަރުގަވެގެން ދިޔައިރު އެޓީމުން ޖެހި ތިންވަނަ ލަނޑަކީ 19 ވަނަ މިނިޓުގައި އިބްރާހިމް ވަހީދު ހަސަން އަށް އޭރިޔާ ތެރެއިން ލިބުނު ބޯޅައެއް ގޯލުގެ މަތީކަނަށް ފޮނުވާލައިގެން ކާމިޔާބުކުރި ލަނޑެކެވެ.
މެޗުގެ 28 ވަނަ މިނޓުގައި އޮޑީގެ އަހުމަދު އައިހަމް ނަގައިދިން ބޯޅައެއް އިބްރާހިމް އިމްރާން ފޮނުވާލުމުން ދިޔައީ ބޭރަށެވެ. އޭގެ ދެމިނިޓު ފަހުން އޭރިޔާ ތެރެއިން އިމްރާން ފޮނުވާލި ބޯޅަ ކީޕަރު ދިފާއުކުރުމުން ރީބައުންސް ވެގެން ދިޔަ ބޯޅަ އޭނާ ގޯލަށް ވައްދާލީ ހާސްކަމެއް ނެތިއެވެ.
ދެވަނަ ހާފު ފަށައިގެން ފުރަތަމަ މިނިޓުގެ ތެރޭގައި އޮޑިޔަށް ލިބުނު ޕެނެލްޓީއެއް ވެލެންސީޔާ ކީޕަރު ވަނީ ދިފާއުކޮއްފައެވެ.
މެޗުގައި އޮޑީގެ ފަސް ވަނަ ލަނޑު ކާމިޔާބުކުރީ 51 ވަނަ މިނިޓުގައި ކަރޮލިސްއެވެ. އޭނާގެ ހެޓްރިކް ފުރިހަމަ ކުރީ 64 ވަނަ މިނޓުގައި ވެލެންސިޔާ ކޮޅަށް ޖެހި އޮޑީގެ ހަވަނަ ލަނޑާއެކުވެ.
ވެލެންސިޔާ މިމެޗުގައި ޖެހި ހަމައެކިނި ލަނޑު ޖެހީ މެޗުގެ 83 ވަނަ މިނިޓުގައި އަބުލް ސަމީއު ހަސަން އެވެ. އޭނާ ކުޅެން ނުކުތީ މެޗުގެ ދެވަނަ ހާފުގައެވެ. އޮޑީގެ ފަހު ލަނޑު މުޒްދާން ކާމިޔާބު ކުރީ އޭރިޔާ ރޮނގުމަތިން ލިބުނު ބޯޅައެއް ގޯލަށް ވައްދާލައިގެންނެވެ.
ލީގުގެ ތިންވަނަ ހަފްތާގެ ކުޅުން ފެށޭނީ އަންނަ އަންގާރަ ދުވަހުއެވެ.