ގައުމީ ޓީމުގެ ކުރީގެ ގޯލު ކީޕަރު އިބްރާހީމް އިފްރަޙް ޢަރީފް ނިޔާވުމުގެ ހިތާމައިގާ މަރްޙޫމުގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިއްޔާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހިރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ގޯލްކީޕަރެއްގެ ގޮތުގައި މަޤްބޫލުކަން ހޯދި ހުނަރުވެރި ކުޅުންތެރިޔާ އިފްރަޙް ނިޔާވުމުގެ ހިތާމައިގައި މަރްޙޫމްގެ ޢާއިލާއަށް އަދި ދިވެހި ފުޓްބޯޅައަށް ލޯބިކުރައްވާ ހުރިހާ ރައްޔިތުންނަށް ތަޢުޒިޔާ ދަންނަވާ ކަމަށެވެ.
މަރްޙޫމް އިފްރާޙް ޢަރީފަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މާތްﷲ މިންވަރު ކުރެއްވުންއެދި ދުއާ ދަންނަވާކަމަށް ރައީސް ވިދާޅުވިއެވެ.
އިފްރަޙްގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްވެސް ވަނީ ތައުޒިޔާދަންނަވާފައެވެ. ނައިބު ރައީސް އިއްޔެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޤައުމީ ޓީމުގައި ހިމެނުނު ގޯލްކީޕަރު އިބްރާހީމް އިފްރާޙް ޢަރީފް (އިފުރާ) ނިޔާވި ޚަބަރު އެހީ ފުން ހިތާމައާ އެކުގައި ކަމަށެވެ.
އަދި މަރްޙޫމް އިފްރާޙްގެ ލޮބުވެތި ޢާއިލާއަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވާ މާތްﷲ މަރްޙޫމްގެ ފުރާނަ ޖަންނަތުލް ފިރުދައުސްގައި ލައްވާ އާއިލާއަށް ކެތްތެރިކަންދެއްވުން އެދި ދުއާކުރައްވާ ކަމަށެވެ.
އިފްރާޙް ނިޔާވީ މިދިޔަ ހޯމަދުވަ ސްޓްރޯކެއް ޖެހިގެން އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުންދަނިކޮށް ބުރާސްފަރި ދުވަހުގެ ރެއެވެ. ހުކުރުނަމާދަށްފަހު އިސްލާމީ މަރުކަޒުގައި އިފްރާޙްގެ ޖަނާޒާ ބޭއްވުމަށްފަހު މިއަދު ވަނީ އާސަހަރާގައި ވަޅުލާފައެވެ.
މިއަދު ގަލޮޅުދަނޑުގައި ކުރިޔަށްދިޔަ ދިރާގު ދިވެހި ޕްރިމިއާ ލީގު ފެށުމުގެ ކުރިން އިފްރާހްގެ ހަނދާނުގައި ވަނީ ފުޓްބޯޅަ އާއިލާއިން ހަމަހިމޭންކަމުގެ ވަގުތުކޮޅެއް ގެނެސްފައެވެ. އަދި ފުޓްބޯޅަ އާއިލާގެ އެހާރާއި މިހާރުގެ ކުޅުންތެރިންނާއި ކޯޗުންނާއި އޮފިޝަލުން ވަނީ އިފްރަޙްގެ ކުއްލި ވަކިވެދިއުމާއި ގުޅިގެން އޭނާގެ އާއިލާއަށް ތައުޒިޔާ ކިޔާފައެވެ.
ފުޓްބޯޅަ އާއިލާގައި އުފެދުނު ކުޅަދާނަ ކީޕަރު އިފްރާޙް ނިޔާވިއިރު އޭނާ ހުރީ ފުޓްބޯޅަ ކުޅުމާއި ދުރުގައެވެ. އެންމެ ފަހުން ސްޕޯޓްސް ފިޝިންގައި ހަރަކާތްތެރިވި އިފްރަހް ނިޔާވީ ސްޓްރޯކެއް ޖެހި ސިކުނޑިއަށް ލޭއެޅުމުގެ ސަބަބުންނެވެ. ފުޓްބޯޅަ އާއިލާއިން ސިފަކުރާ ގޮތުގައި އިފްރަޙަކީ މޮޅު ކުޅުންތެރިއެއްގެ އިތުރުން މީހުންނަށް އޯގާތެރި ހިތްހެޔޮ އުފާވެރި މިޒާޖެއްގެ މީހެކެވެ.
އިފްރަޙް ވަނީ ރާއްޖޭގެ 19 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމުގެ ކެޕްޓަންކަންވެސް އަދާކޮށްފައެވެ. އަދި ބައިނަލްއަގްވާމީ އެކި މުބާރާތްތަކުގައި އޭނާ ވަނީ ރާއްޖެ ތަމްސީލުކޮށްދީފައެވެ.