އދގެ ޢާންމު މަޖިލީހުގައި ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ތަޤުރީރު ކުރާ ވަގުތު ޖެހުމުން ޖަލްސާ ކުރާ މާލަމުގައި ތިބި އެތައް ޤަައުމެއްގެ ވަފުދުތައް އެ މަޖިލިސް ދޫކޮށްފައި ގޮސްފިއެވެ.
ތަޤުރީރު ކުރުމަށް ނަތަންޔާހޫ ޕޯޑިއަމް ދޮށަށް ދިޔުމުން ދިވެހި ރާއްޖެ ހިމެނޭ ގޮތަށް އެތައް ޤައުމެއްގެ ވަފުދުތައް ވަނީ ނުރުހުން ފާޅުކުރުމުގެ ގޮތުން މާލަމުން ބޭރަށް ނިކުމެ، މާލަމް އެއްކޮށްހެން ހުސްކޮށްލައިފައެވެ.
ޒަޔަނިސްޓު ޔަހޫދީންނާ މެދު ބައިނަލްއަޤްވާމީ ދުނިޔެއިން މިފަދަ ގޮތަކަށް ނުރުހުން ފާޅުކޮށްފައި މި ވަނީ 2023ވަނަ އަހްރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ފަލަަސްޠީނުގެ ޣައްޒާއަށް ދެމުންދާ ޢުދުވާނީ ޙަމަލާތަކާ ގުޅިގެންނެވެ. ޔަހޫދީން ދަނީ ޣައްޒާގެ ރައްޔިތުން އެ ސަހަރުން ބޭރުކުރާނެ ކަމަށް ފާޅުގައި ބުނަމުންނެވެ. ޔަހޫދީންގެ ޢުދުވާނީ ޙަމަލާތަކުގައި ޣައްޒާގެ 65،000އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ އިރު، ޔަހޫދީން ދަނީ އެ ސަހަރަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު އެތެރެކުރުމަށް ވެސް ހުރަސްއަޅަމުންނެވެ. ނަތީޖާއެއްގެ ގޮތުން ޣައްޒާގެ އާބާދީ ވަނީ ބަނޑަށް ޖެހި ބަލިކަށިވެފައެވެ. ބަނޑުހައިހޫނުކަމުގެ ސަބަބުން ޣައްޒާގައި ޝަހީދުވާ މީހުންގެ ޢަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.
މި ޙާލަތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަަލަސްޠީނުގެ ހައްޤުގައި އަޑުއުފުލަމުންދާ މީހުންގެ ޢަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އަދި ގިނަ ޤައުމުތަކަކުން ދަނީ ފަލަސްޠީނުގެ މިނިވަންކަން ބަލައިގަންނަމުންނެވެ. އެއާއެކު ބައިނަލްއަޤްވާމީ މައިދާނުގައި ޔަހޫދީ ދައުލަތުގެ އެކަހެރިކަން ވެސް ދަނީ އިތުރުވަމުންނެވެ. ފާއިތުވި ހަފްތާގެ ތެރޭގައި ޔަހޫދީންނާއި ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެރިކާއަށް ގޮަން ޖަހައި ފަރަންސޭސިވިލާތާއި ކެނެޑާއާއި އޮސްޓްރޭލިޔާއާއި އިނގިރޭސިވިލާތުން ވެސް ވަނީ ފަލަސްޠީނުގެ މިނިވަންކަން ބަލައިގެންފައެވެ.