ދުނިޔޭގެ މަގްބޫލު ފްރީސްޓައިލާ އިނގިރޭސިވިލާތުގެ ރަދޭޔާ، އެގައުމުގެ މަޝްހޫރު ފުޓްބޯލް އިންފުލިއެންޒާ ބެން ބްލެކް އަދި އިންޑިއާގެ ސްޓްރީޓް ފުޓްބޯލާ ސަބަރީޝް ރާއްޖެ އައުމަށް ހަމަޖެހިއްޖެއެވެ.
މި ތިން ތަރިން ރާއްޖެއައުމަށް ހަމަޖެހިފައިވަނީ 5 އޮކްޓޫބަރުގައެވެ.
ޝޯސަލް މީޑިއާގައި ބޮޑު ފޭން ބޭސްއެއް އޮންނަ މަޝްހޫރު މި ތިން ތަރިން ރާއްޖެއައުމަށްފަހު ފުޓްސަލް އަދި ފުޓްބޯޅައިގެ ހާއްސަ ހަރަކާތްތަކެއް އދ. ދަނގެތީގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން ކުޑަކުދިންނަށް ހާއްސަ ސެޝަންތަކާއި ފުޓްސަލް މެޗުތަކާއި ސްކިލް ޝޯތައް ބާއްވަން ހަމަޖެހިފައިވެއެވެ.
ދަނގެތީގައި ބާއްވާ ހަރަކާތްތަކުގެ ތެރޭގައި ރާއްޖޭގެ ފުޓްސަލްތަރިންނާއި މި 3 ތަރިންނާއި ބައްދަލުކުރުމާއި ފޮޓޯ ނެގުމާއި އުފާވެރިވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތު އާމުންނަށް އޮންނާނެ ކަމަށް ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމް ކުރިއަރުވާ ފުޓްބޯޅަ ކޮންޓެންޓް ކްރިއޭޓަރ މުހައްމަދު ނައުޝާދު ބުންޏެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެމުން ވިޒިޓް މޯލްޑިވްސްގެ އެމްބެސެޑަރ ނައުޝާދު ބުނީ މި ތިން ތަރިން ރާއްޖޭގައި 4 ދުވަސް ހޭދަކުރާނެ ކަމަށެވެ. މިއީ ދަނގެތީ ކައުންސިލާއި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ވަރަށް ބޮޑު އެއްބާރުލުމަކާއެކު ކުރިޔަށް ގެންދާ ހަރަކާތެއްކަމަށް ނައުޝާދު ބުންޏެވެ.
ނައުޝާދު ވަނީ މިދިޔަ އަހަރު ޔުވެންޓަސްގެ އަހަރީ ދުވަސް ފާހަގަކުރުމަށް އދ. މަހިބަދޫއަށް ޔުވެންޓަސްގެ ކުރީ ތަރި އެޑްގާ ޑާވިޑްސް އާއި ސަޕޯޓަރުންގެ ޓީމެއް ގެނެސް ކުޑަކުދިންނަށް ހާއްސަ އިވެންޓަކާއި ބޮޑެތި މީހުންނާއެކު ހާއްސަ ފުޓްބޯޅަ މެޗެއް ބާއްވާފައެވެ.
މި 3 ތަރިން ރާއްޖޭގައި ހޭދަކުރާ މުއްދަތުގައި ރާއްޖޭގެ މަޝްހޫރު ފުޓްސަލް ތަރިންނާވެސް ބައްދަލުކުރާނެއެވެ.