އޮލިމްޕަހުގައި އަޅުވަން ތައްޔާރުވަމުން އަންނަ ދިވެހި ފިލްމު "އިލްޒާމް"ގެ ޓިކެޓު ވިއްކަން ފަށައިފިއެވެ. މިފިލްމަކީ މަޝްހޫރު އެކްޓަރ އަދި ޑައިރެކްޓަރ ޔޫސުފް ޝަފީޢު (ޔޫއްޕެ) ޑައިރެކްޓުކޮށް ނެރޭ އަސަރު ގަދަ ފިލްމެކެވެ.
އޮކްޓޯބަރ 20، ގައި ރިލީޒް ކުރުމަށް ހަމަޖެހިފައިވާ މި ފިލްމަކީ އާއިލާތަކާއި، މުޖުތަމުގައި ހުރި އިޖުތިމާޢީ އެކި މައްސަލަތަކުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.
ދިވެހި ފިލްމް އިލްޒާމްގެ ޓިކެޓް ވިއްކަން ފެށުމާއި ގުޅިގެން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ފިލްމުގެ ޕްރޮޑިއުސަރ މުހަންމަދު އަބްދުﷲ (މުހަންމާ) ބުނީ މި ފިލްމުގެ ޓިކެޓް ބުކިން އަށް ހުޅުވާލިތާ ކުޑައިރުކޮޅެއްގެ ތެރޭގައި 5 ވަރަކަށް ޝޯ ބުކް ކޮށްފައިވާ ކަމަށެވެ. މިކަމުން ފިލްމަށް އޮތް ތަރުހީބު ވަރަށް ބޮޑަށް ފެނިގެން ދިޔަކަން މުހަންމާ ވަނީ ފާހަގަކޮށްފައެވެ. މުހަންމާ ބުނީ މިއީ ބެލުންތެރިންނަށް ރަނގަޅު މެސެޖެއް ލިބިގެންދާނެ ފިލްމެއްކަމަށާއި މި ފިލްމުގައި ދިވެހި މުޖުތަމަޢުގައި ކުރިން ހިނގާފައިވާ އަދި މިހާރުވެސް ހިނގަމުން އަންނަ މައްސަލަތަކެއްގެ މައްޗަށް އަލިއަޅުވާލާފައިވާނެ ކަމަށެވެ.
މުހަންމާ ބުނީ މި ފިލްމުގެ ސްކްރީން ޕްލޭން ހިފައިގެން ޔޫސުފް ޝަފީޢު (ޔޫއްޕެ) އައި ދުވަހުވެސް، މި ފިލްމަކީ މުޖުތަމަޢަށް ހެޔޮ މެސެޖެއް ދިނުމުގެ ބޭނުމުގައި ހަދަން ވަރަށް މުހިންމު ފިލްމެއްކަން ފާހަގަކުރެވުނުކަމަށެވެ.
މުހަންމާ ބުނީ "އިލްޒާމް" ފިލްމުގެ ޕްރިމިއަރ ނައިޓްގައި ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ފިލްމު ޕްރިމިއާރ ކުރާ ރޭ ޚާއްސަ ގުރުއަތު ނެގުމެއް އޮންނާނެއެވެ. މިގުރުއަތުގައި ބައިވެރިވެވޭނީ އޮކްޓޯބަރ 6ވަނަ ދުވަހާއި ހަމައަށް ޓިކެޓް ނަގާފައިވާ ފަރާތްތަތަށް ކަމަށާއި މީގެތެރެއިން ޤުރުއަތުން ހޮވޭ ފަރާތަކަށް އެންމެ ފަހުގެ އައިފޯން 17 ޕްރޯއެއް ލިބޭނެކަމަށް މުހަންމާ ބުންޏެވެ. މިފިލްމުގެ ޓިކެޓް މިހާރު އޮލިޕަސް ކައުންޓަރުން ލިބެން ހުންނާނެއެވެ.
އިލްޒާމް ފިލްމުން ފެނިގެންދާ ތަރިންގެ ތެރޭގައި، އަހުމަދު ނިމާލް، މަރިޔަމް ޝަކީލާ، މުހައްމަދު ރަޝީދު (ދަރާ)، ޔޫސުފް ޝަފީޢު (ޔޫއްޕެ)، ޖުމައްޔިލް ނިމާލް، އާމިރާ އިސްމާއިލް، މަރިޔަމް ޝިފާ، ޝަހީދާ އަހްމަދް (ޑޯރާ)، ލައިޝާ ލަތީފް، ކިންޒާ ހުސައިން (ގޮމަ)، މުހަންމަދު ފައިސަލް އަދި އަހްމަދު ސައީދު ހިމެނެއެވެ.