އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ބްރެންޓްފޯޑް އާއި ދެކޮޅަށް މެންޗެސްޓަރ ޔުނައިޓެޑް ކުޅުނު މެޗުން 3-1 ގެ ނަތީޖާއަކުން ޔުނައިޓެޑް ބަލިވެއްޖެ އެވެ.
މި މެޗުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެފައިވާއިރު އެ ޓީމަށް ލީގުގައި މިހާތަނަށް ކުޅުނު 6 މެޗުން ލިބިފައިވާ 7 ޕޮއިންޓާއެކު އޮތީ ތާވަލުގެ 13 ވަނައިގަ އެވެ.
ބެރެންޓްފޯޑްގެ ޖީޓެކް ކޮމިއުނިޓީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ވިހި މިނިޓުގެ ތެރޭގައި ބްރެންޓްފޯޑް އިން ވަނީ ޔުނައިޓެޑްގެ ކޮޅަށް ދެ ލަނޑު ޖަހާފަ އެވެ. އެގޮތުން މެޗުގެ 8 ވަނަ މިނިޓުގައި އިގޯ ތިއާގޯ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ލީޑު ނަގައިދިންތާ 12 މިނިޓު ފަހުން އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ.
ނަމަވެސް އޭގެ ހަ މިނިޓު ފަހުން ޔުނައިޓެޑްގެ ބެންޖަމިން ސެސްކޯ ވަނީ ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ކުޑަކޮށްފަ އެވެ. މިއީ 74 މިލިއަން ޕައުންޑުގެ ފީ އަކަށް ޔުނައިޓެޑާއި އަލަށް ގުޅުނު ސެސްކޯ އެ ޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.
މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ގިނައިރުތަކެއް ނުވަނީސް ޔުނައިޓެޑަށް ވަނީ މެޗުގެ ނަތީޖާ އެއްވަރު ކުރުމަށް ރަގަޅު ފުރުސަތެއް ލިބިފަ އެވެ. ނަމަވެސް މެންޗެސްޓަރ ޔުނައިޓެޑަށް ލިބުނު ޕެނަލްޓީ ކެޕްޓަން ބްރޫނޯ ފެނާންޑޭޒް ފޮނުވާލިއިރު ބްރެންޓްފޯޑްގެ ގޯލުކީޕަރު ވަނީ އެ ޕެނަލްޓީ މަތަކޮށްފަ އެވެ.
ބްރެންޓްފޯޑް އިން މި މެޗުގައި ޖެހި ތިންވަނަ ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގައި މަތިއަސް ޖެންސަން ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.