މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި މާލެއިން ތިން މީހުން ހައްޔަރުކޮށްފިއެވެ.
މި ތިން މީހުން ވެސް ހައްޔަރުކޮށްފައިވަނީ މި ސެޕްޓެންބަރު މަހުގެ 25 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެދަށުންނެވެ.
ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން ހިންގި އޮޕަރޭޝަނުގައި އެ މީހުންނާ ގުޅުންހުރިކަމަށް ބެލެވޭ މާލޭގެ ދެ ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ބިޑިއަކާއި ރަބަރު ޕެކެޓުތަކެއް ފެނިފައިވެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 1246 ގުރާމެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މއ. މަޒާގެ، އުމުރުން 34 އަހަރުގެ މުޙައްމަދު އައިޝް އަޙްމަދާއ، މއ. މަޒާގެ، އުމުރުން 25 އަހަރުގެ އާމިނަތު ޢިއްލިއްޔީން އަޙްމަދާއި، ހދ. ކުޅުދުއްފުށި / މަރިޔާޒް، އުމުރުން 34 އަހަރުގެ ޢިނާޔަތު ޢަލީއެވެ.
މިމައްސަލައާ ގުޅިގެން މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުޙައްމަދު އައިޝް އަޙްމަދު 10 ދުވަހަށް އަދި އާމިނަތު ޢިއްލިއްޔީން އަޙްމަދާއި ޢިނާޔަތު ޢަލީ ހަތް ދުވަހަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.