ކުޅިވަރު

ރަފީނިއާ އާއި ބާސެލޯނާގެ ކީޕަރުވެސް ކުޅުމާ ދުރަށް


ބާސެލޯނާގެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ ގޯލްކީޕަރު ޖޯން ގާސިއާ އާއި ބްރެޒިލްގެ ފޯވާޑް ރަފީނިއާއަށް އަނިޔާވެ ކުޅުމާ ދުރުގައި ތިބެން ޖެހިއްޖެއެވެ.

މި ދެ ކުޅުންތެރިންނަށްވެސް އަނިޔާވީ ސްޕެނިޝް ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައެވެ. އަދި އަނިޔާގެ ސަބަބުން ރަފީނިއާ ތިން ހަފުތާ ވަންދެން ކުޅުމާ ދުރުގައި ހުންނަން ޖެހެއެވެ. އަދި ޖޯން ގާސިއާ ހައެއް ނުވަތަ ހަތް ހަފުތާ ވަންދެން ކުޅުމާ ދުރުގައި ހުންނަން ޖެހޭނެއެވެ. ގާސިއާއަށް ލިބުނު އަނިޔާއިން ރަނގަޅު ވުމަށް އޭނާ މިހާރު ތައްޔާރުވަމުން ދަނީ އޮޕަރޭޝަނެއް ކުރުމަށެވެ.

މި އަނިޔާއާތަކާއެކު ބާސެލޯނާގެ އަނިޔާގެ ލިސްޓު ވަނީ ދިގުވެފައެވެ. ހުސްވި ހަފުތާގައި މިޑްފީލްޑަރު ގަވީވެސް ވަނީ އޮޕަރޭޝަނެއް ކޮށްފައެވެ. އޭނާއަށްވެސް ދެން ކުޅެވެނީ ހަތަރެއް ނުވަތަ ފަސް މަސް ފަހުންނެވެ. ނަމަވެސް އަނިޔާއިން ރަނގަޅު ވެގެން ޑިފެންޑަރު ބާލްޑޭ އާއި ފޯވާޑް ލަމީން ޔަމާލް މިހާރު ވަނީ ޓީމާ ގުޅިފައެވެ.

ކޯޗު ހެންސީ ފްލިކް މިހާރު އެންމެ ބޮޑަށް ކަންބޮޑުވެފައިވަނީ ގޯލްކީޕަރުންގެ ޑިޕާޓްމަންޓާ މެދުގައެވެ.

ސީޒަން ފެށުނުއިރު ގޯލްކީޕަރުން ގިނަވެގެން ބާސެލޯނާއިން ޒުވާން ކީޕަރު އިކާނީ ޕެންޔާ ވަނީ ލޯނަށް ދޫކޮށްލާފައެވެ. އަދި ކެޕްޓަން މާކް-އަންދްރޭ ޓާ ސްޓެގަން އެހެން ކުލަބަކަށް ދިއުމަށް ބާރުއެޅިއެވެ. މިކަމާ ނުރުހިގެން އޭނާ ވަނީ މާކުރިން ވެފައިވާ ހާނިއްކައަކުން ސަލާމަތްވުމަށް އޮޕަރޭޝަނެއް ކޮށްފައެވެ. މިހެންވެ ބާސެލޯނާގެ ކުރިއަށް ހުރި މެޗުތަކުގައި ކުޅެވޭ ވަރަށް ފިޓްކޮށް ހުރި ހަމައެކަނި ކީޕަރަކީ ޕޮލަންޑުގެ ކުރީގެ ގައުމީ ކީޕަރު ވޮސިއެޗް ޝެޒްނީއެވެ. އޭނާ އަކީ ހުސްވި ސީޒަނުގެ ފަހުކޮޅު ޓީމުގައި މޮޅަށް ކުޅެ ތިން ތަށި ހޯދައިދިން ކީޕަރެވެ. ނަމަވެސް މި ސީޒަނުގައި އޭނާއަށް ދީފައިވަނީ ގާސިއާ ގެނައުމާއެކު ރިޒާވް ކީޕަރުގެ ދައުރެވެ.

ޝެޒްނީއަށް ހާނިއްކައެއް ވެގެން ނުކުޅެވޭ ހާލަތެއް ދިމާވެއްޖެނަމަ ބާސެލޯނާއަށް ކީޕަރުންގެ މައްސަލަ ހައްލު ނުކުރެވިދާނެއެވެ. މިހެންވެ އެ ޓީމުން މިހާރު ވަނީ ސްޕެއިނުގެ 20 އަހަރުން ދަށުގެ ގައުމީ ޓީމާއެކު ފީފާ ވޯލްޑް ކަޕަށް ދާން ތައްޔާރުވެފައިހުރި ކީޕަރު ޑިއެގޯ ކޯކެން ގައުމީ ޓީމާއެކު ދިޔަނުދީ ހިފަހައްޓަން ނިންމާފައެވެ.