އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި މެލޭޝިއާއިން ވަގު ލިޔުން ހަދައިގެން ކުޅުވުމުގެ ސަބަބުން އެ ގައުމުގެ ހަތް ކުޅުންތެރިއަކު ފީފާއިން ސަސްޕެންޑް ކޮށްފިއެވެ.
މީގެ ތެރޭގައި ހިމެނޭ އެންމެ މަޝްހޫރު ކުޅުންތެރިއަކީ ސްޕެއިނުގެ ޑިޕޯޓިވޯ އަލަވޭސްއަށް ކުޅެމުން އަންނަ ފަކުންޑޯ ގާސެސްއެވެ.
ހުކުރު ދުވަހު ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމުއިއްޔާ، ފީފާއިން މެލޭޝިއާގެ ހަތް ކުޅުންތެރިއަކު ސަސްޕެންޑް ކުރީ ވިއެޓްނާމާ ދެޅަށް ކުޅުނު މެޗުގައި އެއީ މެލޭޝިއާގެ ކުޅުންތެރިން ކަމަށް ދައްކަން ލިޔުން ހެދިކަން ސާބިތުވުމުންނެވެ. މި ކުޅުންތެރިންނަށް ވަނީ 12 މަސް ދުވަހަށް ފުޓްބޯޅައިގެ އެއްވެސް ހަރަކާތެއްގައި ބައިވެރިވުން މަނާކޮށްފައެވެ.
ފީފާއިން ބުނީ އެއީ މެލޭޝިއާގެ ކުޅުންތެރިންކަން ސާބިތުކޮށްދިނުމަށް އެ ގައުމުގެ ފުޓްބޯޅަ ފުޓްބޯޅަ އެސޯސިއޭޝަނުން ލިޔެކިއުން ހުށަހެޅި ކަމަށެވެ. ނަމަވެސް އެއީ ހަދާފައިވާ ލިޔުންތަކެއްކަން ފަހުން ބެލި ބެލުމުން ޔަގީންކުރެވުނީ ކަމަށެވެ. އަދި ކުޅުންތެރިން ސަސްޕެންޑް ކުރީ މިއީ ފީފާ ގަވާއިދުގެ 22 މާއްދާއާ ޚިލާފު ފޯޖަރީ މައްސަލައެއްގެ ގޮތުގައި ބެލުމަށްފަހު ކަމަށެވެ.
މި ހަތް ކުޅުންތެރިންވެސް ވަނީ ޖޫން މަހުގެ 10 ވަނަ ދުވަހު ވިއެޓްނާމް އަތުން 4-0 ގެ ނަތީޖާއަކުން މެލޭޝިއާ މޮޅުވި މެޗުގައި ކުޅެފައެވެ. މީގެ ތެރެއިން ފިގުއެރެޑޯ އާއި ހޮލްގާޑޯ ވަނީ އެ މެޗުގައި ލަނޑުވެސް ޖަހާފައެވެ.
މިކަމާ ގުޅިގެން ފީފާއިން ވަނީ މެލޭޝިއާގެ އެފްއޭވެސް ޖޫރިމަނާ ކޮށްފައެވެ. މި ގޮތުން 350000 ސްވިސް ފްރޭންކް (ހަތަރު ލައްކަ ތިރީސް އަށް ހާސް ހަ ސަތެހަ ފަންސާސް އެއް ޑޮލަރު) އިން އެސޯސިއޭޝަން ޖޫރިމަނާކޮށް، ކޮންމެ ކުޅުންތެރިއަކު ވަނީ 2000 ސްވިސް ފްރޭންކުން ޖޫރިމަނާކޮށްފައެވެ.
ފީފާގެ މި ނިންމުން މެލޭޝިއާއިން ވަނީ އިސްތިއުނާފު ކޮށްފައެވެ. އެ ޖަމާއަތުން ބުނީ މިހާރު އިންތިޒާރު ކުރަމުންދަނީ ފީފާގެ އެޕީލް ކޮމިޓީގެ ނިންމުމަށް ކަމަށެވެ.