އަންނަ އަހަރު އެމެރިކާގައި ބާއްވާ ފީފާ ވޯލްޑް ކަޕް ކުޅެން ހަމަޖައްސާފައިވާ ބައެއް ސިޓީތައް ބަދަލުކުރާނެކަމުގެ އިޝާރާތެއް އެ ގައުމުގެ ރައީސް ޑޮނަލްޑް ޓަރަމްޕް ދެއްވައިފިއެވެ.
ޓްރަމްޕް ވިދާޅުވީ ހުސްވި ހަފުތާގެ ބުރާސްފަތި ދުވަހު މިކަމާ ގުޅޭ ގޮތުން އޯވަލް އޮފީހުގައި މަޝްވަރާ ކުރެއްވި ކަމަށެވެ.
"އަހަރެންނަށް ރައްކާތެރި ނޫން ކަމަށް އެ ސިޓީއެއް ފެނިއްޖެނަމަ އަހަރުމެން އެހެން ތަނަކަށް މެޗުތައް ބަދަލު ކުރާނަން،" ޓްރަމްޕް ވިދާޅުވި އެވެ.
ނަމަވެސް ޓްރަމްޕް މެޗުތައް ކުޅުވަން ބޭނުންނުވާ ސިޓީތަކެއް މިހާތަނަށް ވިދާޅެއްނުވެއެވެ.
އެކަމަކު އޭއެފްޕީން ލަފާކުރާ ގޮތުގައި މެޗުތައް ކުޅެން ހަމަޖައްސާފައިވާ އެމެރިކާގެ 11 ސިޓީގެ ތެރެއިން ކެންސަލް ކުރާނެ ދެ ސިޓީއަށް ވާނީ ސެން ފްރެންސިސްކޯ އާއި ސިއަޓަލް އެވެ. މި ދެ ސިޓީ އަކީ ޓްރަމްޕުގެ ރިޕަބްލިކަން ޕާޓީގެ ސިޔާސަތުތަކާ އެންމެ ބޮޑަށް ދެކޮޅު ހަދައި، އެމެރިކާގެ ޑިމޮކްރެޓުން ކޮންޓްރޯލް ކުރާ ދެ ސިޓީއެވެ. ޚާއްސަކޮށް ޓްރަމްޕްގެ އިމިގްރޭޝަން ސިޔާސަތުތަކާއެވެ.
ނަމަވެސް އެމެރިކާގެ ރައީސަށް ނުވަތަ ސަރުކާރަށް މެޗުތައް ކުޅޭތަން ބަދަލުކުރުމުގެ ބާރު ލިބފައިވާ ކަމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމިއްޔާ، ފީފާއިން ހާމަކޮށްފައެއް ނުވެއެވެ. މިކަމާ ގުޅޭ ގޮތުން ފީފާގެ ބަހެއް ހޯދުމަށް އޭއެފްޕީން ކުރި މަސައްކަތް ނާކާމިޔާބުވެފައިވާ ކަމަށްވެސް އެނޫސް އެޖެންސީން ވަނީ ބުނެފައެވެ.
ދެވަނަ ފަހަރަށް ވެރިކަމަށް ވަޑައިގަތުމަށްފަހު ޓްރަމްޕް ގެންދަވަނީ ކުޅިވަރުގެ ހަރަކާތްތަކުގައި ވަރަށް ބޮޑަށް ބައިވެރިވަޑައިގަންނަވަމުންނެވެ.