ވެސްޓްހޭމް ޔުނައިޓެޑްގެ ކޯޗު ކަމުން ގްރަހަމް ޕޮޓަރ ވަކިކޮށް ނޫނޯ އެސްޕިރިޓޯ ސަންޓޯ ހަމަޖައްސައިފި އެވެ.
ނޮޓިންހަމް ފޮރެސްޓަށް ކުރިން ކޯޗުކޮށްދިން އުމުރުން 51 އަހަރުގެ ނޫނޯ އެސްޕިރިޓޯ ސަންޓޯ އެ މަގާމުން ވަކިކުރި ފަހުން އެހެން ޓީމަކާއި ހަވާލުވެފައެއް ނުވެއެވެ.
މި ސީޒަނުގައި ވެސްޓްހޭމް އަށް އެދެވޭ ނަތީޖާތަކެއް ހޯދިފައިނުވާއިރު ގްރަހަމް ޕޮޓަރ އަށް ފާޑުކިއުންތައް ވަނީ އަމާޒުވެފަ އެވެ. ޕްރިމިއާ ލީގުގެ 19 ވަނައިގައި މިވަގުތު ވެސްޓްހޭމް އޮތްއިރު ޕޮޓަރ އަށް ވެސްޓްހޭމް އާއިއެކު ހޭދަކުރެވިފައިވަނީ 8 މަސް ދުވަހެވެ.
ވެސްޓްހޭމްގެ ކޯޗު ކަމާއި ނޫނޯ ހަވާލުވެފައިވަނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އަދި އޭނާގެ އިރުޝާދުގެ ދަށުން އެ ކްލަބު ކުޅޭ ފުރަތަމަ މެޗުގައި ޕްރިމިއާ ލީގުގައި މާދަމާ ނިކުންނާނީ އެވަޓަން އާއި ދެކޮޅަށެވެ.
ނޮޓިންހަމް ފޮރެސްޓްގެ ކޯޗު ކަމުން ވަކިކުރިތާ 18 ދުވަސް ފަހުން އަލުން އަނބުރާ ޕްރިމިއާ ލީގަށް ނޫނޯ ނިކުންނައިރު އޭނާ ބުނެފައިވަނީ ވެސްޓްހޭމް އާއިއެކު މަސައްކަތް ކުރަން ފުރުސަތު ލިބުމުން ވަރަށް އުފާ ކުރާ ކަމަށާއި އޭނާގެ އުންމީދަކީ އެ ކްލަބަށް ރަގަޅު ނަތީޖާތަކެއް ހޯދަދިނުން ކަމަށެވެ.