ޚަބަރު

އަނިޔާގެ މައްސަލަތައް ބޮޑު ނަމަވެސް، ޕޮއިންޓެއް ލިބުމުގެ ހިތްހަމަޖެހުން އެބައޮތް: ނިމާދު


‎ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ކުލަބު އީގަލްސްއިން ކުޅުނު ދެވަނަ ‎މެޗުގައިވެސް އެންމެ ބޮޑު މައްސަލައަކީ ކުޅުންތެރިންގެ ފިޓްނަސްގެ މައްސަލަތައް ކަމަށް ކޯޗު އަޙްމަދު ނިމާދު ބުނެފިއެވެ.

އީގަލްސްއިން ބުރު ސްޕޯޓްސް ކުލަބާއި ދެކޮޅަށް ނިކުމެ 2-2 ން ދެޓީމު އެއްވަރުވި މެޗަށްފަހު ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ކޯޗު ނިމާދު ބުނީ ދެވަނަ ހާފްގައި ބުރުން ކުޅުނީ ވަރަށް ޕްރެސް ކޮށްގެން ކަމަށެވެ.

ނިމާދު ބުނީ އީގަލްސްއިން ކުޅެން ނެރުނީ އަނިޔާގެ މައްސަލަތައް ހުރި ކުޅުންތެރިންކަމަށާއި އަދިވެސް ކުޅުންތެރިން ރިކަވަރ ނުވާތީ އެ މައްސަލަ ދެވަނަ މެޗުންވެސް ފާހަގަ ކުރެވުނުކަމަށެވެ.

އެހެންނަމަވެސް ބުރު އަތުން ބަލިވުމަަށްވުރެ ޕޮއިންޓެއް ލިބުމުގެ ހިތްހަމަޖެހުން އެ މެޗުން ލިބުނު ކަމަށާއި ގޭމް ދިޔައީ ވަރަށް ހަމަހަމަކޮށް ކަމަށް ނިމާދު ބުންޏެވެ.

އަދިވެސް މިއުޅެނީ ކުޅުންތެރިންނަށް ރެސްޓްދީގެން ކަމަށާއި ވަރުގަދަ މެޗެއްގައި ބަދަލެއް ގެންނަން ޖެހުނަސް މިވަގުތު ތިބީ ވަރަށް ޅަ ކުދިން ކަމަށް ނިމާދު ފާހަގަކުރިއެވެ. އަދި މިހާރު ކުރިޔަށްދާ ފުޓްސަލް މުބާރާތްތަކާއި އެކި މުބާރާތްތަކުގައި ކުޅުމުގެ ތެރެއިން ބައެއް ކުޅުންތެރިންނަށް ބޮޑެތި އަނިޔާގެ މައްސަލަތައް ކުރިމަތިވެފައިވާ ކަމަށާއި ލީގުގައި އީގަލްސްއަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ މިއީ ކަމަށް ނިމާދު ބުންޏެވެ.

”ފިޓްނަސްގެ ‎ކަންތައްތައް އެބައުޅޭ އެންމެ ބޮޑު މައްސަލައަކީ ކުލަބު މޯލްޑިވްސްގައި އަދި އެހެނިހެން މުބާރާތްތައް މިދުވަސްކޮޅު ކުޅުމުގެ ސަބަބުން ބައެއް ކުޅުންތެރިންނަށް ދިމާވެފައިވާ ބޮޑެތި އަނިޔާގެ މައްސަލަތައް“ ކޯޗު ނިމާދު ބުންޏެވެ.

ކުލަބް އީގަލްސް މިވަގުތު އޮތީ ތާވަލުގެ ހަތް ވަނައިގައެވެ. ލީގުގައި ކުޅުނު ފުރަތަމަ މެޗުން އީގަލްސްވަނީ 1-5 ގެ ތަފާތު ބޮޑު ނަތީޖާއަކުން މާޒިޔާ އަތުން ބަލިވެފައެވެ. އީގަލްސްއިން ދެން ނިކުންނާނީ 1 އޮކްޓޫބަރުގައި ކުލަބު ގްރީން ސްޓްރީޓްސް އާއި ދެކޮޅަށެވެ.