ޚަބަރު

ހަތިޔާރު ވިއްކުން މަނާކުރުން ހިމެނޭހެން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އދން އިޔާދަކޮށްފި


އީރާނުގެ ނިޔުކްލިއަރ ޕްރޮގްރާމް ހުއްޓައިލަން މަޖުބޫރުކުރުމުގެ ގޮތުން، އެހެން ޤައުމުތަކުން އީރާނަށް ހަތިޔާރު ވިއްކުން މަނާކުރުމާ އެކު، އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އދއިން އިޔާދަކޮށްފިއެވެ.

އދގެ އެންމެ ބާރުގަދަ ގުނަންކަމަށްވާ ސަލާމަތީ މަޖިލީހުގެ ތެރެއިން އީރާނާ ދެކޮޅަށް ނިންމުން ނިންމާފައިވަނީ ވިލާތުގެ ތިން ބާރުކަމަށްވާ އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް އަދި ޖަރުމަނުވިލާތު އިސްވެ ތިބެގެންނެވެ.

އެ ތިން ޤައުމުން ތުހުމަތުކުރާ ގޮތުގައި، ނިއުކްލިޔަރ ހަކަތަ އުފެއްދުމުގެ ނަމުގައި، އީރާން ދަނީ 2015 ވަނަ އަހަރު އެކުލަވާލެވުނު އެއްބަސްވުމާ ޚިލާފަށް ނިއުކްލިޔަރ ހަތިޔާރެއް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ.

ނަމަވެސް، އެ ތުހުމަތު، އީރާނުން ވަނީ ތަކުރާރުކޮށް ދޮގުކޮށްފައެވެ.

ދުނިޔޭގެ ބާރުތަކާއެކު 2015ވަނަ އަހަރު އީރާނުން ޤާއިމްކުރި ނިއުކްލިޔަރ އެއްބަަސްވުމުގެ ދަށުން އުވާލާފައިވާ ބައެއް ފިޔަވަޅުތައް އަލުން އީރާނާ ދެކޮޅަށް އެޅުމަކީ، މެދުއިރުމަތީގައި މިހާރުވެސް އޮތް ނުތަނަވަސްކަމުގެ ޙާލަތު އިތުރަށް ގޯސްވާނެކަމަށް ބެލެވެއެވެ.

ދަތިކުރުމުގެ ފިޔަވަޅުތައް އިއާދަކޮށްފިނަމަ، ހަރުކަށި ރައްދެއް ދޭނެކަމުގެ އިންޒާރު އީރާނުން ވަނީ ދީފައެވެ. ދަތިކުރުމުގެ ފިޔަވަޅުތައް އިއާދަކުރިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި، އީރާނުން ވަނީ، އިގިރޭސިވިލާތާއި، ފަރަންސޭސިވިލާތް އަދި ޖަރުމަނުވިލާތަށް ކަނޑައަޅާފައިވާ ސަފީރުން "މަޝްވަރާކުރުމަށް" އަނބުރާ ގެންނަން ނިންމައިފައެވެ.

އީރާނާ އެކު ގާތްގުޅުމެއް އޮންނަ ރަޝިޔާއިން ވަނީ އދގެ މި ނިންމުން ކުށްވެރިކޮށްފައެވެ.

އދގެ މި ނިންމުމަށް ޢަމަލުކުރުން ހަ މަސް ދުވަހުގެ މުއްދަތަށް ފަސްކުރަން ޖާގަ އޮތް ކަމަށް މިކަމުގައި އިސްކޮށްތިބި ވިލާތުގެ ތިން ޤައުމުން އޭރު ވަނީ ބުނެފައެވެ. ނަމަވެސް، އެކަމަށްޓަކައި، އދގ އެޓޮމިކް ހަކަތައާ ބެހޭ އިދާރާ، އައިއޭއީގެ އިންސްޕެކްޓަރުންނަށް އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް ޒިޔާރަތް ކުރުމުގެ ފުރުޞަތު ދިނުމާއެކު، މިކަމަށް ދާއިމީ ހައްލެއް ހޯދުމަށް މަޝްވަރާގެ މޭޒުދޮށަށް އަންނަންޖެހޭ ކަމަށް ގޮވާލާފައިވެއެވެ.