ޚަބަރު

ވެލެންސިއާ ބޭނުންވާ ނަތީޖާ ނެރެން އަދި ވަގުތު ނަގާނެ: ކޯޗު


ކުލަބު ވެލެންސިއާއިން އޮޑި ސްޕޯޓްސް ކުލަބާއި ދެކޮޅަށް ނިކުތް މެޗުގެ ނަތީޖާ އުންމީދުކުރިވަރަަށްވުރެ ތަފާތު ބޮޑު ކަމަށާ ވެލެންސިއާއަށް އަދި ވަގުތު ބޭނުންވާކަމަށް އެޓީމުގެ ކޯޗު އަޙްމަދު މުޖުތަބާ (ފެސްކޯ) ބުނެފިއެވެ.

ލީގުގައި ކުޅުނު ދެވަނަ މެޗަށްފަހު ޕީއެސްއެމް ނިއުސްއަށްދިން އިންޓަވިއުއެއްގައި ވެލެންސިއާގެ ކޯޗު ބުނީ އަދި އެންމެ އެދެވޭވަރުގެ ކުޅުމެއް ނުދެއްކޭ ކަމަށާއި އެކަމަށް ވަގުތު ނަގާނެ ކަމަަށެވެ.

ވެލެންސިއާއި އޮޑި ސްޕޯޓްސް ކުލަބު ކުޅުނު މެޗުގައި އޮޑިން ވަނީ 7-1 ގެ ނަތީޖާއަކުން ވެލެންސިއާ ބަލިކޮށްފައެވެ. ލީގުގައި ވެލެންސިއާ ކުޅުނު ފުރަތަމަ މެޗުން ވަނީ 2-1 ން ގްރީން ސްޓްރީޓްސް އަތުން މޮޅުވެފައެވެ.

ވެލެންސިއާގައި އޮތީ ވަރަށް ޒުވާން ޓީމެއްކަމަށާއި ފަރިތަކުރުންތަކަށް މާ ގިނަ ވަގުތެއްވެސް ނުލިބޭ ކަމަށް ކޯޗު ފާހަގަކުރިއެވެ. އެހެންކަމުން މި ހާލަތަށް ބަލާއިރު މިއީ އެހާ ގޯސް ނަތީޖާއެއް ނޫން ކަމަށާއި އެހެންނަމަވެސް ސްކޯގެ ފަރަގު ތަންކޮޅެއް ބޮޑުކަމަށް ކޯޗު ބުންޏެވެ.

4 ގޯލުގެ ލީޑެއްގައި އޮޑި އޮތްއިރުވެސް ކުަޅުންތެރިން މާޔޫސްނުވެ އިތުބާރާއި އެކު ކުޅެ ގޯލެއް ޖެހިކަން ފާހަގަކުރަމުން ފެސްކޯ ބުނީ މިއީ ވެލެންސިއާގެ ކުޅުންތެރިންނަށް އެންމެ ޓޮޕް ލެވެލްގެ ޓީމުތަކާއި އެކު ޕާފޯމް ކުރަން ލިބޭ ހިތްވަރެއް ކަމަށެވެ. ވެލެންސިއާގެ ހުރިހާ ކުޅުންތެރިން އަދި ލީގު މެޗުތަކަށް ނުލިބޭ ކަމަށާއި ބައެއް ކުޅުންތެރިންނާއި ނުލާ މި ނެރުނު ނަތީޖާއާއި މެދު ހިތްހަމަޖެހޭކަމަށްވެސް އޭނާ ބުންޏެވެ. އަދި އޮޑިއަކީ ތަޖުރިބާކާރު ކުޅުންތެެރިން ގިނަ ޓީމެއް ކަމުން އޮޑިއަތުން ވެލެންސިއާ ބޭނުންވާ ނަތީޖާ ނެރެން އުނދަގޫވާނެކަމަށް ކޯޗު ބުންޏެވެ.

”މީގަ އެއްކަމަކީ އަޅުގަނޑުމެންގެ އޮތީ ވަރަށް ޒުވާން ޓީމެއް. އަނެއްކޮޅުގައި އޮތް ޓީމަކީ ވަރަށް ތަޖުރިބާކާރު ކުޅުންތެރިންތަކެއް ހިމެނޭ. ފޮރިން ޕްލޭޔަރުންވެސް އެހާ ގޯހެއް ނޫން. އެހެންވީމަ އެ ޓީމަކީ ވަރަށް ތަޖުރިބާކާރު ޓީމެއް. އަޅުގަނޑުމެން އަދި ކޮންމެ ގޮތަކަށް ޕްލޭންކޮށްގެން ކުޅުނު ކަމުގައިވިޔަސް އެޓީމާ އެއްކޮށް އުނދަގޫވާނެ އަޅުގަނޑުމެން ބޭނުންވާ ރިޒަލްޓެއް ނެރެން“ ބުންޏެވެ.

ލީގުގައި ގިނަ މެޗުތަކެއް ކުޅޭއިރު ވެލެންސިއާއަށް އަދި ގޭމުގެ ތެރެއަށް ރަނގަޅަށް ވަދެވޭނެ ކަމަށްވެސް ފެސްކޯ ބުންޏެވެ. 3 ޕޮއިންޓާއި އެކު ކުލަބު ވެލެންސިއާ މިވަގުތު އޮތީ ތާވަލުގެ ހަވަނައިގައެވެ.