މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫންގެ މައްޗަށް ކުރި ރިޝްވަތުގެ ދެ ދައުވާ ސާބިތުވެ، އޭނާ 12 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މައުމޫންގެ މައްޗަށް ދައުލަތުން ދައުވާކުރީ ޕީޕީއެމްގެ ވެރިކަމުގައި 2016 ވަނަ އަހަރު މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރަކަށް އޭނާ ހުރިއިރު އެ ކުންފުންޏަށް ބައެއް ތަކެތި ގަތުމަށް ހަވާލުކުރި ކުންފުންޏެއްގެ އަތުން ރިޝްވަތުގެ ގޮތުގައި ފައިސާ ނެގި ކަމަށް ބުނެއެވެ.
ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން ވިދާޅުވީ އަބްދުﷲ މައުމޫން 2016 ވަނަ އަހަރު މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުގައި ހުރިއިރު ރިޝްވަތުގެ ގޮތުގައި ފައިސާ ނެގިކަމަށް ތުހުމަތުކޮށް އޭނާގެ މައްޗަށް ދަޢުލަތުން ހުށަހެޅި ރިޝްވަތު ހިފުމުގެ 7 ދަޢުވާގެ ތެރެއިން 2 ދަޢުވާގެ ހުކުމް މިއަދު ކޮށްފައިވާކަމަށެވެ. އަދި އެ ދެ ދަޢުވާ ސާބިތުވިކަމަށް ކަނޑައަޅުއްވައި އޭނާ 12 އަހަރާއި 9 މަހާއި 18 ދުވަހަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ.
ޕީޖީ އޮފީހުން ވިދާޅުވީ އޭނާގެ މައްޗަށް ދަޢުލަތުން ހުށަހަޅާފައިވާ އަނެއް 5 ދަޢުވާގެ ހުކުމް އެހެން ދުވަހެއްގައި އިއްވުމަށް ހަމަޖެހިފައިވާކަމަށެވެ.
ރިޝްވަތު ހިފުމުގެ މައްސަލައިގައި ޢަބްދުﷲ މައުމޫނަށާއި އޭނާގެ ޢާއިލާގެ ބައެއް ފަރާތްތަކާއި އޭނާއާ ގުޅުން އޮންނަކަމަށް ތުޙުމަތުކުރެވޭ ބައެއް ކުންފުނިތަކަށް ދަޢުވާކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހެޅީ މިިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 18ވަނަ ދުވަހުއެވެ. މައުމޫނަށް ދަޢުވާކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ޕީޖީއަށް ފޮނުވާފައިވަނީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 22ވަނަ ދުވަހުއެވެ.
ޕީޖީ އޮފީހުން ވިދާޅުވެފައިވަނީ މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ކަމުގެ މަޤާމުގައި ޢަބްދުﷲ މައުމޫން ހުރި ދުވަސްވަރު އެކުންފުންޏަށް ބޭނުންވާ ކައްކާ ގޭސް (އެލްޕީޖީ) ބޭރުގެ ކުންފުންޏަކުން ހޯދުމުގެ މުޢާމަލާތުގެ ތެރޭގައި އޭނާ ރިޝްވަތުގެ ގޮތުގައި އެ ކުންފުނިން ޖުމްލަ 3,106,189.38 (ތިން މިލިއަން އެއްލައްކަ ހަހާސް އެއްސަތޭކަ އަށްޑިހަ ނުވަ ރުފިޔާ ތިރީސް އަށް ލާރި) ނަގާފައިވާކަން ތަހްޤީޤުތަކުން ހާމަވާކަމަށެވެ. އަދި އެ ފައިސާ އޭނާއާ ގުޅުން އޮންނަކަމަށް ތުހުމަތު ކުރެވޭ އަދި އޭނާގެ ޢާއިލީ ބައެއް ފަރާތްތަކާއި ގުޅުން އޮންނަކަމަށް ތުހުމަތުކުރެވޭ ބައެއް ކުންފުނިތަކަށް ޖަމާކޮށްފައިވާކަން ތަހުގީގަށް ފާހަގަވެފައިވާކަމަށެވެ.