ޚަބަރު

ސައިޓީސްއާ ބެހޭ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި


ރާއްޖެއަށް އެތެރެކުރުން މަނާ ދިރޭ ތަކެއްޗާ ގުޅޭގޮތުން ކަސްޓަމްސްގެ މުވައްޒަފުންނާއި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ މުވައްޒަފުންނަށް އަމާޒުކުރައްވައިގެން މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފިއެވެ.

މި މަސައްކަތު ބައްދަލުވުމަކީ "ކޮންވެންޝަން އޮން އިންޓަރނޭޝަނަލް ޓްރޭޑް އިން އެންޑޭންޖަރޑް ސްޕީޝީސް އޮފް ވައިލްޑް ފައުނާ އެންޑް ފްލޮރާ" (ސައިޓީސް) އާއިގުޅޭގޮތުން މަޢުލޫމާތު ދެއްވުމަށާއި މިކޮންވެންޝަން ތަންފީޒުކުރުމުގައި އެ މުއައްސަސާތަކުގެ ޒިންމާ އޮންނަގޮތް އޮޅުންފިލުވައިދެއްވުމަށް ބޭއްވެވި އެއްދުވަހުގެ މަސައްކަތު ބައްދަލުވުމެއް ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވިއެވެ. މި މަސައްކަތު ބައްދަލުވުމުގައި ސައިޓީސް ތަޢާރަފްކޮށްދިނުމާއި، މެނޭޖްމަންޓް އޮތޯރިޓީ އަދި ސައިންޓިފިކް އޮތޯރިޓީގެ ޒިންމާތައް ބަޔާންކޮށްދިނުމާއި ސައިޓީސް ތަންފީޒުކުރާ އޭޖެންސީގެ ޒިންމާއާއި ސައިޓީސްގެ ދަށުން ޙިމާޔަތްކުރެވިފައިވާ ދިރޭތަކެއްޗާބެހޭ މަޢުލޫމާތު ޙިއްޞާކުރުން ހިމެނުނުކަމަށް އެންވަޔަރުމަންޓް މިނިސްޓްރީން ވިދާޅުވިއެވެ. img:http://s1.psmnews.mv/images/660x400/14715390958192.jpg|ސައިޓީސްއާ ބެހޭގޮތުން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑާއި ކަސްޓަމްސް މުވައްޒަފުންނަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ

ސައިޓީސްއަކީ 19 ޖުލައި 1975ގައި އިފްތިތާޙްކުރެވި، މިއަދާއި ހަމައަށް 180 ޤައުމެއް ބައިވެރިވެފައިވާ ކޮންވެންޝަނެކެވެ. ސައިޓީސްގެ މެންބަރުކަން ރާއްޖެއަށް ލިބުނީ 12 މާރޗް 2013 ގައެވެ. މި މަސައްކަތު ބައްދަލުވުމުގައި ކަސްޓަމްސްއާއި އޭވިއޭޝަން ސެކިއުރިޓީގެ 47 މުވައްޒަފުން ބައިވެރިވެފައިވެއެވެ. ބައްދަލުވުން ނިންމާވާލެއްވުމުގެ ގޮތުން ވާހަކަ ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ޒާހިރު ވިދާޅުވީ، ދުނިޔެއިން ނެތިދާނެކަމުގެ ބިރު ހީވެފައިވާ ބައެއް ޖަނަވާރު ޕެޓްސްގެ ގޮތުގައި ރާއްޖެއަށް އެތެރެ ކުރަމުން ގެންދާކަމަށާއި މިފަދަ މަސައްކަތު ބައްދަލުވުންތަކަކީ މިފަދަ ކަންތައްތައް ހުއްޓުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައެވެ. img:http://s1.psmnews.mv/images/660x400/14715391447248.jpg|ސައިޓީސްއާ ބެހޭގޮތުން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑާއި ކަސްޓަމްސް މުވައްޒަފުންނަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ

"އަޅުގަނޑުމެންގެ ގޭގޭގައި ބައެއް މީހުން އެބަ ގެންގުޅޭ އެކި ކަހަލަ ދިރޭ ސޫފާސޫފި ޕެޓްސްގެ ގޮތުގައި. މިއީ ޒަމާނުއްސުރެ ދިވެހިން ކުރަމުން އައިކަމެއް. އެހެންނަމަވެސް މިއަދު އެހެން ގެނެވޭ އެއްޗެހީގެ ތެރޭގައި މިދެންނެވި ކަހަލަ ދުނިޔެއިން މަދުވަމުން ގޮސް ހުސްވެދާނެކަމުގެ ބިރު ހީވެފައިވާ އެއްޗެހި އެބަގެނެވޭ. ސައިޓީސް އަކީ ދުނިޔޭގެ އެއްވެސް ހާލެއްގައި މިކަހަލަ ވިޔަފާރިތައް މަނާކުރަން އޮތް ޖަމާއަތެއް ނޫން. އެހެންނަމަވެސް ސައިޓީސްއަކީ އެއްގޮތަކަށް ބުނާ ނަމަ ފާރަލާ ކުއްތާއެއް ކަހަލަ ޖަމާޢަތެއް." އެންވަޔަރުމަންޓް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ޒާހިރު ވިދާޅުވިއެވެ.