ކްލަބް މޯލްޑިވްސް ކަޕް 2025 ގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ރޯޑް ރެކްރިއޭޝަން ކުލަބު (އާރްއާރްސީ) ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް، ފުރިހަމަ ރިކޯޑަކާއެކު ގަދަ 16 އިން ޖާގަ ހޯދައިފިއެވެ.
ކްލަބް މޯލްޑިވްސް ކަޕްގައި ރޭ ގްރޫޕް އޭ އާއި ގްރޫޕް ބީގެ މެޗުތައް ނިމުނުއިރު މި ދެ ގްރޫޕުން ދެވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރުން ޖާގަ ހޯދާފައިވަނީ ދިވެހި ސިފައިންގެ ކްލަބާއި އެސްޓީއޯއެވެ.
ގްރޫޕް އޭގައި އެމްއޭސީއެލް އާއި ކްލަބް އިމިގްރޭޝަން ބަލިކުރި މެޗު އެމްއޭސީއެލް އިން ކާމިިޔާބުކުރީ މެޗުގެ އެންމެ ފަހު މިނެޓުގައި އެޓީމުގެ ބިދޭސީ ކުޅުންތެރިއާ އާމިރު ހޮސެއިން ކާމިޔާބުކޮށްދިން ލަނޑުން 1-0 ނެވެ. ދިވެހި ސިފައިންގެ ކްލަބުން ވަނީ 9-1 އިން ބަރޮސްގެ މައްޗަށް ކުރިހޯދާ 6 ޕޮއިންޓާއެކު ދެވަނަ ޔަގީންކޮށްފައެވެ. ތިން ވަނާގައި އޮތް އިމިގްރޭޝަންއަށް ލިބިފައިވަނީ 3 ޕޮއިންޓެވެ.
ގްރޫޕް ބީގައި، އެސްޓީއޯ އިން 2-1 އިން ކްލަބް ފެން ބަލިކުރިއިރު، އާރްއާރްސީން ވަނީ 4-1 އިން ކަސްޓަމްސް ރެކްރިއޭޝަން ކްލަބް ބަލިކޮށްފައެވެ.
އާރްއާރްސީން ނުވަ ޕޮއިންޓާ އެކު މި ގްރޫޕް ނިންމާލިއިރު، ދެ ވަަނަ އަށް ދިޔަ އެސްޓީއޯ އަށް ލިބިފައިވަނީ 6 ޕޮއިންޓެވެ. ކަސްޓަމްސް އާއި ފެން ކްލަބަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. އަދި މިއާއެކު ގްރޫޕްގެ ތިންވަނައަށް ދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރޭ 4 ޓީމުގެ ތެރޭގައި ހިމެނުމުގެ ފުރުސަތުވެސް މި ދެޓީމަށް ވަނީ ގެއްލިފައެވެ.
މިފަހަރުގެ މުބާރާތުގައި 6 ގްރޫޕް ހިމެނޭއިރު ކޮންމެ ގްރޫޕެއްގެވެސް އެއްވަނަ އާއި ދެވަނައަށް ގަދަ ސޯޅަ ޔަގީންވާއިރު ދެން ގަދަ ސޯޅައިން ޖާގަ ލިބޭނީ ގްރޫޕްގެ ތިންވަނައަށް ދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރޭ 4 ޓީމަށެވެ.