ދިވެހި ތަރިކައާއި ދިވެހިވަންތަކަމުގެ ދާއިރާ ޢިލްމީ ގޮތުން ކުރިއެރުވުމަށް ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން ހުޅުވާލި "ސިގްނޭޗަރ ސްކޮލަރޝިޕް" ޕްރޮގްރާމަށް ކުރިމަތިލި ފަރާތްތަަކަށް މަޢުލޫމާތު ދީފިއެވެ.
"ސިގްނޭޗަރ ސްކޮލަރޝިޕް" ޕްރޮގްރާމަށް ކުރިމަތިލީ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ސެޝަން ކުރިއަށްގެންދިޔައީ، މިއަދު ހަވީރު ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ އިސްވަރު އޮފީހުގައެވެ.
ދިވެހި ތަރިކައިގެ ޢިލްމު އުފައްދައި، ޤާބިލު ތަރިކަވެރީންތަކެއް އުފެއްދުމަށް ހުޅުވާލި ސިގްނޭޗަރ ސްކޮލަރޝިޕްތަކަކީ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) ގައި މާސްޓަރސް އިން ރިސަރޗް އެންޑް ޕަބްލިކޭޝަން ޕްރޮގުރާމެއް ހާސިލުކުރެވޭ ގޮތަށް، ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން ސްޕޮންސަރކުރާ ފުރުސަތުތަކެކެވެ.
މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ދިވެހި ޤައުމިއްޔަތުގެ ދާއިރާއިން ޢިލްމީ، ފިކުރީ އަދި ދިވެހި ޤައުމިއްޔަތުގެ ދާއިރާގެ ޚައިޞިއްޔަތަށް އިސްކަމެއް ދެއްވައި، ތަރިކައިގެ ދާއިރާއިގެ ދިރާސާތައް ކުރުމާއި އެ ދިރާސަތައް ޝާއިޢުކުރެވޭނެ މަގު ފަހިކޮށްދިނުންކަމަށް ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން ވިދާޅުވެއެވެ.
މި ސްކޮލަރޝިޕްގެ ދަށުން، ހިންގާ ދިރާސީ މަސައްކަތްތަކުގެ މުއްދަތަކީ 2 އަހަރެވެ. މި މަސައްކަތުގެ ތެރެއިން ކޮންމެ މަހަކު 2 ދުވަހު ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުގައި ޢިލްމީ ހޯދުންތަކާ ގުޅޭ މަސައްކަތްކުރަން ޖެހޭނެއެވެ. މި ސްކޮލަރޝިޕް ފުރުސަތުތަކުގައި ކިޔަވާ ދަރިވަރުންގެ ކޯސްފީ ދެއްކުމަށް ހަމަޖެހިފައިވަނީ، ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުންނެވެ.
އަދި ސްކޮލަރޝިޕްގައި ބައިވެރިވާ މީހުންނަށް ތަރިކައިގެ ދާއިރާގެ ކޮންމެވެސް އެއް ފަންނެއް ޢިލްމީ ގޮތެއްގައި ފުންކޮށް ދަސްކުރުމުގެ ފުރުޞަތު ލިބުމުގެ އިތުރުން ތަރިކައިގެ ދާއިރާގެ ޢިލްމީ އަދި ދިރާސީ ފޮތްތައް ޝާއިޢުކުރުމުގެ ފުރުޞަތު ވެސް ލިބޭނެއެވެ.
މީގެއިތުރުން، "ސިގްނޭޗަރ ސްކޮލަރޝިޕް" ޕްރޮގްރާމަށް ކުރިމަތިލި ފަރާތްތަަކަށް މަޢުލޫމާތު ދިނުމުގެ އިތުރު ސެޝަނެއް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން ވިދާޅުވެއެވެ.
ދިވެހި ޤައުމިއްޔަތު އިއާދަކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ ފުރަތަމަ ރިޔާސީ ބަޔާނުގައި ވެވަޑައިގެންނެވި އެންމެ މުހިންމު ވަޢުދުފުޅެކެވެ. އެގޮތުން، މިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައި ދިވެހި ޤައުމިއްޔަތު އިއާދަކުރުމުގެ ޤައުމީ މަޝްރޫޢެއް ފައްޓަވައި، 50 ދިރާސާވެރިންނަށް ފުރުޞަތު ދެއްވާފައިވެއެވެ.
މީގެއިތުރުން، މިއަހަރުގެ ރިޔާސީ ބަޔާނުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ޤައުމިއްޔަތުގެ ދާއިރާއަށް ޚާއްސަ އިސްކަމެއް ދެއްވައި، ތަރިކައިގެ ދާއިރާއިގެ ދިރާސާތައް ކުރެވޭނެ މަގު ފަހިކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ.
އެގޮތުން، ސިގްނޭޗަރ ސްކޮލަރޝިޕަށް ހުޅުވި 40 ސްކޮލަރޝިޕަކީ ޤައުމިއްޔަތު ދިރުވުމަށް ކުރެވޭ މަސައްކަތުގެ މުހިންމު ބައެއްކަމަށް ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން ވިދާޅުވެއެވެ.