އޭޝިއަން ކަޕް ކޮލިފައިންފައި މިއަދު ދިވެހިރާއްޖެއާ ދެކޮޅަށް ނުކުންނައިރު ތަޖިކިސްތާނުގެ ގިނަ ކުޅުންތެރިންނަށް ވަނީ އަނިޔާވެފައި ކަމަށާއި ނަމަވެސް ޓީމުގައި އޮތީ މޮޅުވުމުގެ ރޫހު ކަމަށް ތަޖިކިސްތާން ކޯޗު ގޯރާން ސްޓެވަންކޮވިޗް ބުނެފި އެވެ.
މި މެޗަށް ނުކުންނައިރު ތަޖިސްތާނުގެ މުހިންމު ފަސް ކުޅުންތެރިއަކަށް ވަނީ އަނިޔާވެފަ އެވެ. އެއީ އެއްވަނަ ގޯލްކީޕަރު ރުސްޓަން ޔަޓިމޯވް އާއި ކެޕްޓަން އަލީޝާ ޖަލިލޯވް އާއި ތަޖުރިބާކާރު ޑިފެންޑަރު ވަހްދަތް ހަނަނޯވް އާއި އިރާނުގައި ކުޅެމުން އަންނަ ޒުވާން މިޑްފީލްޑަރު އަމަޑޯނީ ކަމޮލޯވްގެ އިތުރުން ވެސް މި މެޗުން ނުފެންނާނެ އެވެ. މި ދެ ކުޅުންތެރިންނަށް ވެސް ވަނީ އަނިޔާވެފަ އެވެ. އަދި ފަރިތަކުރުންތަކުގައި އިތުރު މިޑްފީލްޑަރަކަށް ވެސް ވަނީ ހާނިއްކަވެފަ އެވެ.
"ވަރަށް ރޫހުގައި މި ކުދިން މި މެޗަށް ތައްޔާރުވަމުން މިދަނީ. އެ މީހުންގެ ލޮލުން އަހަރެންނަށް އެކަން ފެނޭ. ވަރަށް ގިނަ ކުޅުންތެރިން ތިބީ އަނިޔާގައި. އެކަމަކު އަހަރުމެންނަށް އެކަމަށް ހައްލު ހޯދޭނެ،" ކޯޗު ބުންޏެވެ.
މީގެ ހަފުތާއެއްހާ ދުވަހުގެ ކުރިން ޓީމާ ހަވާލުވި ކޯޗު އޭނާގެ ފުރަތަމަ މެޗާ ބެހެ ގޮތުން އިތުރަށް ބުނީ ރާއްޖެ އަށް ފުރިހަމަ އަށް އިހްތިރާމް ކުރާ ކަމަށެވެ.
"އަހަރުމެންނަށް މި މެޗަށް ލިބުނު ސްކޮޑް ރަނގަޅު. އަހަރެން ހުރިހާ ކުޅުންތެރިންނަށް ވެސް އިތުބާރު ކުރަން. އަހަރެން ރާއްޖެ އަށް ވެސް އިހްތިރާމް ކުރަން. އަހަރުމެން ރާއްޖެ ދެކެ ބިރެއް ނުގަނޭ. މި މެޗުން މޮޅުވެގެން އަހަރުމެންގެ ސަޕޯޓަރުން އުފާކޮށްދޭން މިތިބީ. މެޗުގެ ކޮންމެ ވަގުތެއްގައި ވެސް އަހަރުމެން ކުޅެން ޖެހޭނީ ވަރަށް ޑިސިޕްލިންކޮށް، މެޗަށް ސަމާލުވެގެން،" ކޯޗު ބުންޏެވެ.
މިއީ މި އަހަރު ތަޖިކިސްތާން އަމިއްލަ ގައުމުގައި ކުޅޭނެ ފަހު މެޗެވެ. މިހެންވެ ކޯޗު ބުނީ ކޮންމެ ސަޕޯޓަރަކު ވެސް ދަނޑަށް އައިސް ސަޕޯޓް ދިނުމަށް އެދޭ ކަމަށެވެ.
ހިސޯރު ސެންޓްރަލް ސްޓޭޑިއަމުގައި ކުޅޭ މި މެޗަށް ފަހު މި ދެ ގައުމު މި މަހުގެ 14 ވަނަ ދުވަހު މާލޭގައި ވެސް ބައްދަލުކުރާނެ އެވެ.