ޚަބަރު

ރާއްޖެއާ ދެކޮޅަށް ނުކުންނައިރު ޒިންމާތަކެއް އެބައޮތް: ތަޖިކިސްތާން ކެޕްޓަން


އޭޝިއަން ކަޕް ކޮލިފައިންފައި މިއަދު ދިވެހިރާއްޖެއާ ދެކޮޅަށް ނުކުންނައިރު ހަމައެކަނި ވިސްނުމަކީ މެޗުން މޮޅުވުން ކަމަށް ތަޖިކިސްތާނުގެ ކެޕްޓަން އަހްތަމް ނަޒަރޯވް ބުނެފި އެވެ.

މި މެޗުގައި ކެޕްޓަންކަން ކުރަން ހަމަޖައްސާފައިވާ ކުޅުންތެރިޔާ މެޗުގެ ކުރިން ވާހަކަ ދައްކަމުން ބުނީ އިދިކޮޅަށް ނުކުންނަ ކޮންމެ ޓީމަކީ ވެސް އިހްތިރާމް ކުރަންޖެހޭ ޓީމެއް ކަމަށެވެ.

"އަހަރުމެން މި މެޗާ ކުރިމަތިލަނީ ވަރަށް މުހިންމު ޒިންމާތަކަކާއެކު. ހުރިހާ ކުޅުންތެރިންނަށް ވެސް އިދިކޮޅަށް ނުކުންނަ ޓީމަކީ ކޮންމެ ބައެއްކަން ދެނެގަނެވޭ. (ކޮލިފައިންގައި މިހާތަނަށް ނެރެފައިވާ ކުރީގެ)ނަތީޖާތަކަށް ބަލާފައި އެ މީހުންގެ ހާލަތު ވެސް އެނގޭ. ކޮންމެ ޓީމަކީ ވެސް އިހްތިރާމް ކުރަން ޖެހޭ ޓީމެއް. އަހަރުމެން ކުޅޭނީ ހަމައެކަނި މޮޅުވާން،" ކެޕްޓަން ބުންޏެވެ.

އޭނާ އަދި އަލަށް ޓީމާ ހަވާލުވި ކޯޗިން ސްޓާފުންނާއެކު ތަމްރީނުތަކުގައި ހުރިހާ ކުޅުންތެރިން ވެސް ދަނީ ވަރަށް ރަނގަޅަށް މަސައްކަތް ކުރަމުން ކަމަށެވެ. އަދި އަލަށް ހަވާލުވި ކޯޗިން ޓީމުގެ ވިސްނުން ދެނެގަނެވިއްޖެ ކަމަށާއި ކުރީގެ ކޯޗިން ޓީމުގެ ވިސްނުމާއި މިހާރުގެ ކޯޗިން ޓީމުގެ ވިސްނުން ތަފާތު ކަމަށެވެ.

"އައު ވިސްނުންތަކަށް ޓީމު ދަނީ ވަރަށް ރަނގަޅަށް ހޭނެމުން. އަހަރެން ގޮވާލަން ހުރިހާ ސަޕޯޓަރުން ވެސް ދަނޑަށް އައިސް ޓީމަށް އިތުރު ސަޕޯޓް ދިނުމަށް،" ކެޕްޓަން ބުންޏެވެ.

އަމިއްލަ ގައުމުގެ ހިސޯރް ސެންޓްރަލް ސްޓޭޑިއަމުގައި ރާއްޖެއާ ދެކޮޅަށް ތަޖިކިސްތާން ނުކުންނައިރު ހަތަރު ޓީމު ހިމެނޭ ގްރޫޕުގައި އެ ގައުމު އޮތީ ދެ މެޗުން ހަތަރު ޕޮއިންޓާއެކު ޓޭބަލުގެ އެއްވަނާގަ އެވެ. ރާއްޖެ އޮތީ ކުޅުނު ދެ މެޗުން ވެސް ބަލިވެ ގްރޫޕުގެ ފުލުގަ އެވެ.

ނަމަވެސް މިއީ ގައުމީ ކޯޗުކަމާ ހަވާލުވުމަށްފަހު ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ވާދަވެރި މެޗަކަށް ނުކުންނަ ފުރަތަމަ ފަހަރެވެ. އޭނާ ކޯޗުކަމާ ހަވާލުވީ ރާއްޖެއަށްވުރެ އެތައް ދަރަޖައެއް ފަހަތުގައި އޮތް އީސްޓީމޯރު އަތުން ކޮލިފައިންގައި ރާއްޖެ 1-0އިން ބަލިވުމުން ކޯޗު އަލީ ސުޒޭން މަގާމުން ވަކިވުމުންނެވެ.

މި މެޗަށް ފަހު މި މަހުގެ 14 ވަނަ ދުވަހު މި ދެ ގައުމު ގަލޮޅު ދަނޑުގައި ވެސް ބައްދަލުކުރާނެ އެވެ.