ޚަބަރު

"ފެންނަ ނުފެންނަ ވޯޓު ނެގުމުގެ ޤާނޫނާއެކު ޑިމޮކްރެޓިކް ވެއްޓަށް ހެޔޮ އަސަރު ކުރާނެ"


  • މިއީ ޑިމޮކްރަސީގައި އެޅުނު މުހިންމު ފިޔަވަޅެއް

  • އައު ޤާނޫނުގެ ދަށުން ފުރަތަމަ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ މި މަހުގެ 25ގައި

ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުމަށް ވަކި ޤާނޫނެއް ހެދުމަކީ ޑިމޮކްރެޓިކް ވެއްޓަށް ހެޔޮ އަސަރު ކުރާނެ ކަމެއް ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވެއްޖެއެވެ. އިލެކްޝަންސްގެ ރައީސް މިހެން ވިދާޅުވީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނުގެ ދަށުން އައްޑޫގެ 3 ރަށެއްގައި ނެގުމަށް ހަމަޖެހިފައިވާ ފެންނަ ނުފެންނަ ވޯޓާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުންނެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވީ ކަންކަމުގައި ރައްޔިތުންގެ ޚިޔާލު ހޯދުމަކީ ޑިމޮކްރަސީގެ އެންމެ މުހިންމު އެއް އަސާސް ކަމަށެވެ. ޤާނޫނުއަސާސީން ރައީސުލްޖުމްޙޫރިއްޔާއަށް ރައްޔިތުންގެ ފެންނަ ނުފެންނަ ނުފެންނަ ވޯޓު ނެގުމުގެ އިޚްތިޔާރު ލިބިވަޑައިގެންފައި އޮތް ނަަމަވެސް ވަކި ޤާނޫނެއްގެ ދަށުން އެފަދަ ވޯޓުތައް ނެގުމަކީ ޑޮމޮކްރަސީގައި އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އިލެކްޝަންސްގެ ރައީސް ވިދާޅުވިއެވެ.

ޒާހިދު ވިދާޅުވީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނުގެ ދަށުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުމަކީ ރާއްޖޭގެ ޑިމޮކްރެޓިކް ވެއްޓަށް އޭގެ ސަބަބުން ހެޔޮ އަސަރު ކުރާނެ ކަމެއް ކަމަށެވެ. އެހެންވެ، މި ޤާނޫނުގެ ދަށުން މި މަހުގެ 25ވަނަ ދުވަހު އައްޑޫ ސިޓީގައި ނަގާ ވޯޓަކީ ތާރީޚީ ވޯޓެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް ސިފަ ކުރެއްވިއެވެ.

"އަޅުގަނޑުމެންގެ ޒިންމާއެއްގެ ގޮތުގައި އޮވޭ މިރާއްޖޭގެ މަލްޓިޕާޓީ ޑިމޮކްރަސީގެ މި ވެށި ހަރުދަނާކޮށް ރަނގަޅުކުރުމަށް މަސައްކަތްތައް ކުރުން. އެގޮތަށް ބަލާއިރު ވަކި ޤާނޫނެއް ހެދިގެން ރައްޔިތުން ކައިރިއަށް ގޮސް މިކިޔާ ޑައިރެކްޓް ޑިމޮކްރަސީ، ރައްޔިތުން ކައިރިއަށްގޮސް ވަކި ސުވާލުކޮށް، ޚާއްސަކޮށް ރަށު ފެންވަރުގައި މިގޮތަށް އަހާލައިގެން މިދާ ދިއުމަކީ މި ރާއްޖޭގެ ޑިމޮކްރަސީއަށް އެޅޭ ވަރަށް މުހިންމު އަދި ވަރަށް ފުރިހަމަ ފިޔަވަޅެއް" އިލެކްޝަންސް ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ޑިމޮކްރަސީގެ ވެށި ހަރުދަނާކޮށް، ކުރިއެރުވުމަށް ސަރުކާރުން ކުރައްވަމުންދާ ކަންކަން ބަލައިގަންނަ ކަމަށްވެސް އިލެކްޝަންސް ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ.

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނުގެ ދަށުން ރާއްޖޭގައި އެންމެ ފުރަތަމަ ވޯޓެއް ނެގުމަށް ހަމަޖެހިފައިވަނީ މި މަހުގެ 25ވަނަ ދުވަހުއެވެ. އެއީ އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލުގެނައުމަށްޓަކައި އައްޑޫ، ހުޅުދޫއާއި މީދޫއާއި އެއަތޮޅު ފޭދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނެގޭ ވޯޓެކެވެ.

އާންމުންގެ ޚިޔާލު ހޯދުމަށް ވޯޓު ނެގޭނެ ގޮތްތައް ބަޔާންކުރާ ޤާނޫނުގައި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭނީ ރައްޔިތުންނާ ގުޅުންހުރި މުހިންމު ކަންކަމާއި ޤައުމީ މުހިންމު މައްސަލަތަކާއި، ޤާނޫނުއަސާސީގެ ބައެއް މާއްދާތަކަށް ބަދަލު ގެނައުމަށްކަމަށް ބަޔާންކޮށްފައިވެއެވެ. މި ޤާނޫނުގައިވާގޮތުން ރައްޔިތުންނާ ގުޅުންހުރި މުހިންމު ކަންކަމުގައި އާންމު ވޯޓަކަށް ދިއުމަށް ނިންމަވާނީ ރައްޔިތުންގެ މަޖިލީހުންނެވެ. އަދި ޤައުމީ މުހިންމު މައްސަލަތަކާ ގުޅިގެން އާންމު ވޯޓަކަށް ދިއުމަށް ނިންމަވާނީ ރައީސުލްޖުމްހޫރިއްޔާއެވެ.