އޭޝިއަން ކަޕް ކޮލިފައިންގައި މިރޭ ތަޖިކިސްތާން އަތުން 2-0 އިން ރާއްޖެ ބަލިވެއްޖެއެވެ.
ކޮލިފައިންގައި ކުރިން ކުޅުނު ދެ މެޗުން ވެސް ބަލިވެފައިވާ ރާއްޖެ ކޮޅަށް ތަޖިކިސްތާނުން ޖެހި ދެ ލަނޑަކީ ދިވެހި ޓީމުގެ ކުޅުންތެރިންނަށް ހެދުނު ގޯސްތަކެއްގެ ފައިދާ ނަގާ ފުރަތަމަ ހާފުގައި ޖެހި ދެ ގޯލެވެ.
ރާއްޖެ އަށް ލަނޑު ޖަހަން އެންމެ ހުސް ފުރުސަތެއް ލިބުނީ ބަދަލު ކުޅުންތެރިޔާ ހަސަން ރާއިފް (ހަންނަ) އަށެވެ. މެޗުގެ އިތުރު ވަގުތުގައި ހުސްކޮށް ލިބުނު ބޯޅަ ތަޖިކިސްތާނުގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ހިފައިގެން ވަދެ ފޮނުވާލި ބާރު ހަމަލާ ދިމާވީ ގޯލުގެ ހުރަސްދަނޑިއަށެވެ.
ހިސޯރު ސެންޓްރަލް ސްޓޭޑިއަމުގައި ކުޅުނު މެޗުގައި ރާއްޖެ ކޮޅަށް ތަޖިކިސްތާނުގެ ފުރަތަމަ ގޯލު ޖެހީ މެޗުގެ 8 ވަނަ މިނިޓްގައި ޝަހްރޮން ޝަމިއޭވް އެވެ. އަރިމަތިން ނެގި ހުރަސް ރާއްޖޭގެ ޑިފެންޑަރުންގެ ތެރެއިން ކުރިއަރައި އޭނާ ފޮނުވާލުމުން ގޯލަށް ވަނީ ކީޕަރު މުހައްމަދު ފައިސަލްގެ ފައިގައި ވެސް ޖެހިފަ އެވެ.
އޭގެ ފަހުން އެ ޓީމުގެ ދެ ވަނަ ލަނޑު ޖެހީ ޝެރްވޯނީ މަބަޓްޝޮއޭވް އެވެ. މި ލަނޑަކީ ވެސް އަރިމަތިން ނެގި ހުރަހެއް ކީޕަރު ފައިސަލް ހިފަން ފުންމައިގަތުމުން އަތުގައި ޖެހިފައި ބޯޅަ ދޫވުމުން ލިބުނު ހުސް ބޯޅަ އަކުން ޖެހި ގޯލެކެވެ. ފުރަތަމަ ހާފުގައި މި ދެ ގޯލު ވަންނަމަވެސް ރާއްޖެ ވަނީ ދެ ވަނަ ހާފުގައި ޑިފެންސިވް ޑިސިޕްލިން ރަނގަޅުކޮށް ވަރަށް ބޮޑަށް ކުޅުން ރަނގަޅު ކޮށްފައެވެ.
މި މެޗުން ބަލިވުމުން ރާއްޖެ އޮތީ ހަތަރު ޓީމު ހިމެނޭ ގްރޫޕުގައި ޕޮއިންޓެއް ނުލިބި ޓޭބަލުގެ ފުލުގަ އެވެ. އެއްވަނާގައިވަނީ މި މެޗުގެ ތިން ޕޮއިންޓާއެކު ޖުމުލަ ހަތް ޕޮއިންޓް ލިބިގެން ތަޖިކިސްތާނެވެ.
މި ދެ ޓީމު އަންނަ ހަފުތާގައި ރާއްޖޭގައި ކުޅެން ޖެހޭ މެޗަށް ނުކުންނާނެއެވެ.