ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ސްވިޒަލެންޑާ ދެކޮޅަށް ކުޅުނު މެޗުން 2-0 ގެ ނަތީޖާއަކުން ބަލިވެ، މުބާރާތަށް ކޮލިފައިވުމުގައި ސްވިޑެންއަށް ދަތިތަކާ ކުރިމަތިލާން ޖެހިއްޖެއެވެ.
ޔޫރަޕްގެ ކޮލިފައިންގެ ގްރޫޕް ބީ ގައި ކުޅުނު މި މެޗުން ސްވިޑެން ބަލިވިއިރު ގްރޫޕްގައި އެ ޓީމުން ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ބަލިވެ އެއް މެޗުން އެއްވަރުވެ އެ ޓީމަށް ލިބިފައިވާ އެއް ޕޮއިންޓާއެކު އޮތީ ގްރޫޕުގެ ފުލުގަ އެވެ. މި މެޗުން މޮޅުވި ސްވިޒަލެންޑަށް 9 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ މަގާމް ލިބިފައިވާއިރު ދެވަނައިގައި އޮތް ކޮސޯވޯއަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ.
ސްވިޑެންގެ ސްޓްރޯބެރީ އެރީނާގައި ފަންސާސް ހާހަށްވުރެ ގިނަ މީޙުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވިފައިނުވި ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ގިނައިރުތަކެއް ނުވަނީސް ސްވިޒަލެންޑަށް ލިބުނު ޕެނަލްޓީ އަކުން ގްރަނިޓް ޝަކާ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ކުޅުމުގައި ޔޮހަން މަންޒަމްބީ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ.
މި މެޗުގައި ސްވިޑެންގެ ކޯޗު ޖޮންޑާލް ޓޮމަސަން ވަނީ އާސެނަލް އާއި ލިވަޕޫލްގެ ފޯވަޑުން ކަމުގައިވާ ވިކްޓަރ ޔޯކެރެޝް އާއި އެލެކްޒެންޑަރ އިސާކް ފުރަތަމަ ޓީމުގައި ހިމަނައިގެން ކުޅުވާފަ އެވެ. ނަމަވެސް އެއިން ކުޅުންތެރިއަކަށް މި މެޗުގައި އެންމެ ޝޮޓެއްވެސް ގޯލަށް އަމާޒުކޮށް ފޮނުވާލެވިފައެއް ނުވެއެވެ.
މި މެޗުގެ ފުރިހަމަ ވަގުތު ހަމަވުމުން ސްވިޑެންގެ ސަޕޯޓަރުން ވަނީ ކޯޗު ޓޮމަސަން މަގާމުން އިސްތިއުފާ ދިނުމަށް ގޮވާލާފަ އެވެ.