ޚަބަރު

ޓީޓީ އަމްޕަރުންނަށް ދޭ އައިޓީޓީއެފްގެ ބްލޫ ބެޖު ރާއްޖޭގެ އައްޒާމަށް


އިންޓަރނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް) އިން އެންމެ މަތީ ފަންތީގެ އަމްޕަޔަރުންނަށް ދޭ ބްލޫ ބެޖު ރާއްޖޭގެ ޓޭބަލް ޓެނިސް އަމްޕަޔަރު އައްޒާމް އިބްރާހީމް ހޯދައިފިއެވެ.

މިއީ ޓީޓީ އަމްޕަޔަރުންނަށް ދޭ އެންމެ މަތީ ލެވެލްގެ ސެޓިފިކެޓެވެ. މިއީ އައިޓީޓީއެފްއިން ބަލައިގަންނަ އެންމެ މަތީ ފަންތީގެ އަންޕަޔަރުންނަށް ދޭ ބެޖެކެވެ. ބްލޫ ބެޖު ހޯދާފައިވާ އަމްޕަޔަރުންނަކީ ވޯލްޑް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕާއި އޮލިމްޕިކް ގޭމްސް ފަދަ އެންމެ ބޮޑެތި ބައިނަލްއަގުވާމީ މުބާރާތްތަކުގެ އޮފިޝަލުންނެވެ. އައްޒާމް ބްލޫ ބެޖު ހޯދީ ގިނަ އަހަރުތަކެއްގެ ތަޖްރިބާއަށްފަހު އައިޓީޓީއެފްއީން ދޭ އިމްތިހާނުތައް ހަދާ މި ބެޖު ހާސިލުކުރުމަށް ފުރިހަމަކުރަންޖެހޭ އަދަދަށް މެޗު ހަމަކޮށްގެންނެވެ.

އައްޒާމަށް މި ދަރަޖަ ލިބުމާއި ގުޅިގެން ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއެމް) އިން ވަނީ އޭނާއަށް މަރުހަބާ ކިޔާފައެވެ. ޓީޓީއެމްއިން ވަނީ މަރުހަބާގެ ޚާއްސަ ހަނދާނީ ފިލައެއް އައްޒާމަށް ދީފައެވެ. މި ފިލާ އައްޒާމާ ހަވާލުކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ.

ރާއްޖޭގެ ޓޭބަލް ޓެނިސް އަމްޕަޔަރު މުޙައްމަދު ޔާމީންވެސް ވަނީ ބްލޫ ބެޖު ހާސިލުކޮށްފައެވެ. ޔާމީން ވަނީ އައިޓީޓީއެފް ވޯލްޑް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް 2025 ގެ ފައިނަލް މެޗުގައި އިންސާފުކުރުމުގެ ޝަރަފުވެސް ހޯދާފައެވެ. މިއީ ވޯލްޑް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕެއްގައި ދިވެއްސަކު އިންސާފުކުރި ފުރަތަމަ ފަހަރެވެ. އައްޒާމަކީ ރާއްޖޭން ބްލޫ ބެޖު ހާސިލުކުރި ދެވަނަ ޓީޓީ އަމްޕަޔަރެވެ.