ޚަބަރު

ރާއްޖެ އާއި ތަޖިކިސްތާނު މެޗަށް "ފޯރީގައި ދަނޑަށް" ބޮޑު ތަރުހީބެއް


އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި އަންނަ އަންގާރަ ދުވަހު ދިވެހިރާއްޖެ އާއި ތަޖިކިސްތާނު ބައްދަލުކުރާ މެޗު ޕްރޮމޯޓް ކުރުމަށް ކުރިޔަށް ގެންދިޔަ "ފޯރީގައި ދަނޑަށް" އިވެންޓަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.

މި މެޗުގެ ޓިކެޓް ވިއްކުމާއި ގައުމީ ޓީމުގެ ޖާޒީ އަގުހެޔޮކޮށް ވިއްކުން ކުރިޔަށްދިޔަ މި އިވެންޓްގައި ވަނީ ގައުމީ ޓީމުގެ ކުޅުންތެރިންނާއި ކޯޗުންނާއި އޮފިޝަލުން އަދި އެފްއޭއެމްގެ ބައެއް އިސްވެރިން ބައިވެރިފައެވެ.

އަދި ގައުމީ ޓީމުގެ ކުޅުންތެރިންގެ އޮޓޯ ގްރާފް ނެގުމާއި ޓީމުގެ ކުޅުންތެރިންނާއެކު ފޮޓޯ ނެގުމާއި ރާއްޖެއަށް ބައިނަލްއަގްވާމީ މުބާރާތްތަކުން މި ފަހުން ލިބިފައިވާ ތަށިތަކާއެކު ފޮޓޯ ނެގުންވެސް ކުރިޔަށް ދިޔައެވެ.

ކުޑަކުދިންގެ މެދުގައި މަގްބޫލު ރޯބޯމޭންގެ ހަރަކާތްތަކާއި ބިދަބިންގ ގްރޫޕްގެ ބޮޑުބެރާއި ނެށުމުގެ އިތުރުންވެސް ކުޑަކުދިން ގަޔާވާ ހަރަކާތްތައް މި އިވެންޓުގައި ކުރިޔަށް ގެންދިޔައެވެ.

"ފޯރީގަ ދަނޑަށް" މި އިވެންޓަކީ އޭޝިއަންކަޕް ކޮލިފައިންގައި ރާއްޖެއާއި ތަޖިކިސްތާން ބައްދަލުކުރާ މެޗުގެ އިތުރުން 18 ނޮވެމްބަރުގައި ރާއްޖެއާއި ފިލިޕީންސް ބައްދަލުކުރާ މެޗު ޕްރޮމޯޓްކޮށް ވީހާވެސް ގިނަ ސަޕޯޓަރުން ދަނޑަށް ވަނުމަށް ހިތްވަރު ދިނުމުގެ ގޮތުން ބޭއްވި އިވެންޓެކެވެ.

ގައުމީ ޓީމުން އެދެނީ ރާއްޖޭގައި ކުޅޭ މެޗުތަކަށް ވީހާވެސް ގިނަ ސަޕޯޓަރުން ގަލޮޅު ދަނޑަށް ވަދެ ރަތްކުލައިން ގައުމީ ފުޓްބޯޅަ ދަނޑު ފުރާލަދިނުމަށެވެ.