ޚަބަރު

"ފުލުހުން ދެމިތިބޭނީ، ކޮންމެ އަންހެން ކުއްޖަކަށްވެސް ރައްކާތެރި މުޖުތަމައެއް ބިނާކުރުމުގެ އަޒުމުގައި"


  • "އިންޓަރނޭޝަނަލް ޑޭ އޮފް ގަރލް ޗައިލް" ދުވަހަކީ އޮކްޓޯބަރ 11

ފުލުހުންގެ ޚިދުމަތުން ދެމިތިބޭނީ، ކޮންމެ އަންހެން ކުއްޖަކަށް ވެސް ރައްކާތެރިކަމާއި އިހުތިރާމާއި ބިރުވެރިކަމެއްނެތި އެކުދިންގެ ހުވަފެންތައް ހާސިލުކުރުމަށް ބާރު ލިބިދޭ މުޖުތަމައުއެއް ބިނާކުރުމުގެ އަޒުމުގައިކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މިހެން ވިދާޅުވީ "އިންޓަރނޭޝަނަލް ޑޭ އޮފް ގަރލް ޗައިލް" ނުވަތަ، ބައިނަލްއަގުވާމީ އަންހެން ކުދިންގެ ދުވަހާ ގުޅިގެން ނެރުއްވި މެސެޖެއްގައެވެ.

ކޮމިޝަނަރ އޮފް ޕޮލިސްގެ މެސެޖުގައި ބައިނަލްއަގުވާމީ އަންހެން ކުދިންގެ ދުވަސް ފާހަގަކުރަމުގައި ހަނދާންކޮށްދެނީ ކޮންމެ އަންހެން ކުއްޖެއްގެ ކިބައިގައިވާ ގާބިލުކަމާއި އެކުދިންގެ ހިތްވަރާއި ކުރިމަގަށް އެކުދިން ކުރަމުންދާ އުންމީދުކަން ފާހަގަކުރެއްވިއެވެ.

އަދި ދިވެހި ފުލުހުން ޚިދުމަތުން މަސައްކަތްކުރަމުންދާނީ އަދި ދެމިތިބޭނީ، ކޮންމެ އަންހެން ކުއްޖަކަށް ވެސް ރައްކާތެރިކަމާއި، އިހުތިރާމް އަދި ބިރުވެރިކަމާއި ހުރަހެއް ނެތި އެ ކުދިންގެ ހުވަފެންތައް ހާސިލުކުރުމަށް ބާރު ލިބިދޭ މުޖުތަމައުއެއް ބިނާކުރުމުގެ އަޒުމުގައިކަން ސީޕީ ވިދާޅުވިއެވެ. ހަމައެހެންމެ އަންހެން ކުދިންގެ ޙައްގުތަކާއި ދުޅަހެޔޮކަން ރައްކާތެރިކުރުމަކީ ހަމައެކަނި ޒިންމާއެއް ނޫންކަމާ އެއީ ގައުމުގެ މުސްތަގުބަލަށްޓަކައި ކުރެވޭ އިންވެސްޓްމަންޓެއްކަން ވިދާޅުވިއެވެ.

ކޮމިޝަނަރގެ މެސެޖު ނިންމަވައިލައްވާފަވަނީ ކޮންމެ ކުއްޖަކީވެސް މުޖުތަމައުގައި އިތުބާރާއި، ހަމަހަމަ ފުރުސަތުތައް ލިބި އަދި އިޙުތިރާމާއެކު ބޮޑުވާ ކުއްޖެއްކަން ކަށަވަރުކުރުމަށްޓަކައި އެންމެން އެކުގައި މަސައްކަތް ކުރުމަށް ބާރުއަޅުއްވަމުންނެވެ.

"އިންޓަރނޭޝަނަލް ޑޭ އޮފް ގަރލް ޗައިލް"އަކީ މުޖުތަމަޢުގައި އަންހެން ކުދިންނާމެދު ހަމަހަމަކަން ޤާއިމުކުރުމާއި އަންހެން ކުދިންނަށް ސަލާމަތާ ރައްކާތެރެރިކަން ދިނުމަށް ހޭލުންތެރިކުރުމަށް ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ ދުވަހެވެ. މި ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ އޮކްޓޯބަރު މަހުގެ 11ވަނަ ދުވަހުއެވެ.