އަލިހުރަސް ކަނޑަށް އަޑިޔަށް ދިޔަ ދޯންޏެއްގައި ހުރި ތަކެތި އޮޔާދާތީ، އެކަމަށް ސަމާލުވުމަށް އެދިއްޖެއެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ އއ. ރަސްދޫއަށް ދަތުރުކުރަމުން ދިޔަ "ސްކޫބާ" ނަމަކަށް ކިޔާ ޑައިވިންގ ދޯންޏެއް އަލިހުރަސް ކަނޑަށް އަޑިއަށް ގޮސް، އެ ދޯނީގެ ބައެއް ބައިތަކާއި ތަކެތި އޮޔާދާކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށެވެ.
އެ ދޯނި އަޑިއަށް ގޮސްފައި ވަނީ އަލިހުރަސް ކަނޑުން 12 ނޯޓިކަލް މޭލު އިރުމައްޗަށެވެ. އަދި ދޯނީގެ ބައެއް ބައިތަކާއި ތަކެތި އަލިހުރަސް ކަނޑުތެރެއަށް، ރަސްދޫގެ އިރުމައްޗަށް ވާ ގޮތަށް އޮޔާދާ ކަމުގެ މަޢުލޫމާތު ލިބިފަވާކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
އެހެންކަމުން، އަލިހުރަސް ކަނޑާއި އެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދިނުމަށާއި އަދި ޚާއްސަކޮށް ރޭގަނޑު އެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން، ދަތުރުކުރެއްވުމުގައި ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފުން ވަނީ އެދިފައެވެ.