މިލަދުންމަޑުލު އުތުރުބުރި ގޮއިދޫގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފިއެވެ. މި މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަަރޭޝަނަށެެވެ.
ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވަ ދަތުރުފުޅުގެ ތެރެއިން ގޮއިދޫއަށް ކުރެއްވި ދަތުރުފުޅުގައި، އެކަމަށްޓަކާ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
މިރަސްމިއްޔާތުގައި އެރަށުގެ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވާދެއްވީ ދާޚިލީ ސަލާމަތާ ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން އަދި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ. މި ރަސްމިއްޔާތުގައި ކަނޑިތީމު ދާއިރާގެ މެމްބަރު އަދި އެރަށު ކައުންސިލުގެ ރައީސްވެސް ބައިވެރިވަޑައިގެންނެވިއެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތަށް، ފުލުހުންގެ އަމިއްލަ އިމާރާތް ޤާއިމުކުރުމުގެ މަސައްކަތަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން ފައްޓަވާފަވާ މަސައްކަތެކެވެ. ސަރުކާރުގެ ޢަމާޒަކީ ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތަށް ޚާއްސަ މަރުކަޒުތައް ތަރައްޤީކުރުމެވެ. އަދި މިހާރުވެސް އަންނަނީ ހުރިހާ ރަށެއްގައި ފުލުހުން ޤާއިމުވެތިބެ، ފުލުހުންގެ ޚިދުމަތްތައް ދެމުންނެވެ.