ބިލެތްފަހި އެއަރޕޯޓް ތަރައްގީކޮށް އޮޕަރޭޓް ކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލާ ހަވާލުކޮށްފިއެވެ. މިކަމުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮލަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ބިލެތްފައްސަށް ވަޑައިގެން ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުމުގައި ސޮއިކޮށް، އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށާފައެވެ.
މިކަމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ހުޝާމް އަލީއެވެ. އަދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދުއެވެ.
ބިލެތްފަހި އެއަރޕޯޓްގެ އަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ސިޓީތަކާއި އިދާރީދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމްޝަރީފް އުމަރާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ، މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދުއެވެ.
މި މަޝްރޫޢުއަށް ގާތްގަނޑަކަށް 36 ހެކްޓަރު ގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. ބިންހިއްކުމުގެ މަސައްކަތް ގިނަވެގެން 8 މަސް ދުވަހުގެ ތެރޭގައި ނިންމުމުމަށް ވަނީ ކަނޑައަޅުއްވާފައެވެ. 1500 މީޓަރުގެ ރަންވޭއަކާއި އިތުރު ފެސިލިޓީތައް ގާއިމުކުރުމަށް ވެސް މި މަޝްރޫގެ ދަށުން ހިމެނެއެވެ. އެގޮތުން މުޅި މި މަޝްރޫޢުގެ މަސައްކަތް މިގިނަވެގެން 30 މަސްދުވަހުގެ ތެރޭގައި ނިންމުމަކީ ސަރުކާރުގެ އަމާޒެކެވެ.