ޚަބަރު

ކޮމަންޑޫގައި 30 ޓަނުގެ އައިސް ޕްލާންޓެއް ޤާއިމްކުރަން ބަޔަކާ ހަވާލުކޮށްފި


  • ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މަސްވެރިކަމާބެހޭ ވަޒީރު

މިލަދުންމަޑުލު އުތުރުބުރީ ކޮމަންޑޫ އައިސް ޕްލާންޓެއް ޤާއިމްކުރުމަށް އެތިއޮން ޕްރައިވެޓް ލިމިޓެޑާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ކޮމަންޑޫ ގައި ޤާއިމްކުރާ އައިސް ޕްލާންޓުގެ މަސައްކަތް އެތިއޮން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިލަދުންމަޑުލު އުތުރުބުރީގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ކޮމަންޑޫއަށް ވަޑައިގެެން އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، މަސްވެރިކަމާއި ކަންޑުގެ ވަސީލަތްތަކާބެހޭ ވަޒީރު، އަހުމަދު ޝިޔާމްއެވެ. އަދި އެތިއޮން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، އެގްޒެކެޓިވް ޑިރެކްޓަރ ކިޔާާޝަތު ޢަބްދުﷲއެވެ.

މަސްވެރިންނަށް އައިސް ހޯދުމަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އައިސް ޕްލާންޓުތައް ޤާޢިމްކުރުމުގެ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތާއެކު މަސްވެރިން އައިސް ހޯދުމަށް ކުރާ ދަތުރުތައް މަދުކުރެވި ތެލަށް ކުރާ ޚަރަދު ކުޑަކުރެވިގެންދާނެކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.

މަސްވެރިކަމާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވަނީ ސަރުކާރުން ރައްޖޭގެ އެކި ސަރަހައްދުތަކުގައި ޤާއިމް ކުރާ އައިސްޕްލާންޓުތައް ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމަވާނެކަން ހާމަކުރައްވާފައެވެ.