ސަރުކާރުން ކުރިއަށްގެންދާ 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގުރާގެ ދަށުން މިހާތަނަށް 8 ލައްކައަށްވުރެ ގިނަ ގަސް އިންދާފައިވާކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
5 މިލިޔަން ގަސް އިންދުމުގެ ޕްރޮގުރާމަކީ ރާއްޖެއިން ނެތެމުންދާ ގަސްތައް އަލުން އާލާކުރުމާއި ފެހިކަން އިތުރުކޮށް މާހައުލީ ނިޒާމު ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވާފައިވާ ޕްރޮގުރާމެކެވެ.
ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާތުން، 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން، މިއަހަރުގެ މިހާތަނަށް ޖުމްލަ 800،190 ގަސް އިންދާފައިވެއެވެ.
ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގުރާމަކީ ރާއްޖޭގައި މިހާތަނަށް ހިންގާ ގަސް އިންދުމުގެ އެންމެ ބޮޑު ޕްރޮގުރާމެވެ. މިއީ 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގުރާމެއް ނަމަވެސް މިޕްރޮގުރާމުގެ ދަށުން 6.4 މިލިޔަން ގަސް އިންދުމަށް އެކި މުޢައްސަސާތަކާއި އަމިއްލަ ފަރާތްތަކުން ވަނީ ކަނޑައަޅާފައެވެ.
Project Update:
— Ministry of Tourism and Environment (@MoTmv) October 14, 2025
The 5 Million Tree Project is growing strong! Every tree planted brings us closer to a greener, more resilient Maldives.
Thank you to everyone supporting this journey!#5MillionTreeMv pic.twitter.com/oBQ87UDNbK
ރޯސްވުޑް: 1،478،244 ގަސް
އެޗްޑީސީ: 1،000،000 ގަސް
އެމްޕީއެލް: 1،000،000 ގަސް
އެސްޑީއެމް ފާމް: 750،000 ގަސް
ސްޓެލްކޯ: 600،000 ގަސް
އާރްސީއެލް: 500،000 ގަސް
އެހެނިހެން: 1،081،150 ގަސް
ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމުގައި ބޮޑަށް އިސްކަން ދެއްވާފައިވަނީ ރާއްޖެއިން ނެތެމުންދާ ބާވަތްތަކުގެ ގަސް އިންދާ އާލާކުރުމަށެވެ. އެގޮތުން، ރާއްޖެއިން ނެތެމުންދާކަމަށް ބެލެވޭ 90 ބާވަތެއްގެ ގަސް ލިސްޓުކޮށް، އިންދުމަށް ވަނީ ހަމަޖެހިފައެވެ. މިއަހަރުގެ ނިޔަލަށް 2 މިލިޔަން ގަސް އިންދުމަކީ ސަރުކާރުގެ އަމާޒެކެވެ.