ޚަބަރު

މިލަންދޫގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފި


  • މިމަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަަރޭޝަނާއި

  • ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވާދެއްވީ ދާޚިލީ ވަޒީރު އަލީ އިޙްސާން

މިލަދުންމަޑުލު އުތުރުބުރި މިލަންދޫގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފިއެވެ.

ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިލަންދޫއަށް ކުރެއްވި ދަތުރުފުޅުގައި، އެކަމަށްޓަކާ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މިރަސްމިއްޔާތުގައި އެރަށުގެ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވާދެއްވީ ދާޚިލީ ސަލާމަތާ ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން އަދި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ.

މި މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަަރޭޝަނާއެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތަށް، ފުލުހުންގެ އަމިއްލަ އިމާރާތް ޤާއިމުކުރުމުގެ މަސައްކަތަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން ފައްޓަވާފައިވާ މަސައްކަތެކެވެ.

ސަރުކާރުގެ ޢަމާޒަކީ ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތަށް ޚާއްސަ މަރުކަޒުތައް ތަރައްޤީކުރުމެވެ. އަދި މިހާރުވެސް އަންނަނީ ހުރިހާ ރަށެއްގައި ފުލުހުން ޤާއިމުވެތިބެ، ފުލުހުންގެ ޚިދުމަތްތައް ދެމުންނެވެ.