ޚަބަރު

މިލަންދޫ ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް އެމްއޭސީއެލްއާ ހަވާލުކޮށްފި


  • މި އެެއްބަސްވުމުގައި ސޮއިކުރެއްވީ ކުޅިވަރާ ބެހޭ ވަޒީރާއި އެމްއޭސީއެލްގެ އެމްޑީ

  • އެކި ސަރަހައްދުތަކަށް ބަހާލައިގެން އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްް ތަރައްގީކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް

ށ. މިލަންދޫގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމުކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށްފިއެވެ.

މިލަންދޫގައި ސްޕޯޓްސް ކޮމްޕްލެކްސް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ ރައީސުލްޖުމްހޫރިއްޔާ ށ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެތެރެއިން އެރަށަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.

މިލަންދޫ ސްޕޯޓްސް ކޮމްޕްލެކްސް އެޅުމުގެ އެއްބަސްވުމުގައި ކުޅިވަރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢުއެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުހައްމަދެވެ.

މިއީ ހަށިހެޔޮ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމުގެ އިތުރުން ކުޅިވަރުގެ އިންފްރާސްޓްރަކްޗަރ ގާއިމުކުރުމާއި ކުޅިވަރުގެ ތަރައްޤީއަށް ސަރުކާރުން ކުރަން ރާވާފައިވާ މަޝްރޫއުތަކުގެ ދަށުން ގާއިމުކުރާ ސްޕޯޓްސް ކޮމްޕްލެކްސްތަކެކެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބަހާލައިގެން އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްް ތަރައްޤީކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ.

‏‎ސަރުކާރުން މަސައްކަތްކުރަނީ މުޅި ރާއްޖެއަށް ކުޅިވަރުތައް ފުޅާކޮށް ބައިނަލްއަގްވާމީ ފެންވަރުގެ ވަސީލަތްތައް އަތޮޅުތެރޭގައިވެސް ގާއިމުކުރުމެވެ. އަދި އަތޮޅު ތެރެއިން ގައުމީ ފެންވަރުގެ އެލީޓް އެތުލީޓުން އުފެދިގެން އައުމަށް މަގުފަހިކޮށްދިނުމެވެ.

‏‎ސްޕޯޓްސްް ކޮމްޕްލެކްސްތައް ޤާއިމުކުރުމުގެ އިތުރުން ރަށްރަށުގައި ހޭންޑްބޯޅަ އާއި ފުޓްބޯޅަ އަދި އެހެނިހެން ކުޅިވަރު ވަސީލަތްތައް ގާއިމުކުރެއްވުމަށް ހާއްސަ އިސްކަމެއް ދެއްވާކަމަށް ސަރުކާރުން ވިދާޅުވެއެވެ.