މާލޭގެ ވިޔަފާރި ބަނދަރު ތަރައްޤީކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ބަނދަރުގައި ބޭނުން ކުރުމަށް ގެނައުމަށް ހަމަޖެހިފައިވާ ބަރުއުޅަނދުތަށް ރާއްޖެ ގެނައުމަށް ތައްޔާރުވެފައި ވާކަމަށް އެކުންފުނިން ބުނެފިއެވެ.
ކޮންޓެއިނަރ އާއި މުދާ އުފުލުމަށް ބޭނުންކުރާ ޖުމްލަ 22 އުޅަނދު އެކުންފުންޏަށް ގެނައުމަށް، ބަރު އުޅަނދު އުފެއްދުމުގައި މަޝްހޫރު ޗައިނާގެ ކުންފުންޏެއް ކަމަށްވާ ސަނީ ހެވީ އިންޑަސްޓްރީސް އާއި ހަވާލުކޮށްފައި ވަނީ މިއަހަރުގެ ޖޫންމަހުއެވެ. އެމްޕީއެލުން ސަނީ ހެވީ އިންޑަސްޓްރީސް ކުންފުންޏާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެކުންފުނިން އެމްޕީއެލަށް، 4 އެމްޓީ ކޮންޓެއިނާ ހޭންޑްލަރ އާއި 2 ފޯކްލިފްޓާއި 10 ކެރޭނުގެ އިތުރުން 6 ރީޗް ސްޓޭކާ ފޯރުކޮށްދޭންޖެހެއެވެ. މި މަސައްކަތް ހަވާލުކޮށްފައިވާ ކުންފުނިން މިތަކެތި 3 މަސްދުވަހުގެ ތެރޭގައި އެމްޕީއެލަށް ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާކަމަށް އެމްޕީއެލުން ކުރިން ވަނީ ބުނެފައެވެ.
img:http://s1.psmnews.mv/images/660x400/14670274713743.jpg|އެމްޕީއެލްއަށް ބޭނުންވާ އުޅަނދު ހޯދުމަށް ޗައިނާގެ ކުންފުންޏާއި ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން /ފޮޓޯ: އެމްޕީއެލް
އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދު ވިދާޅުވީ، ސަނީ ކުންފުނިން އެމްޕީއެލަށް ފޯރުކޮށްދޭ ވެހިކަލްތަށް މިހާރު ހުރީ ޗައިނާގައި، ރާއްޖެ ގެނައުމަށް ތައްޔާރުކޮށްފައި ކަމަށެވެ.
"ޗައިނާގެ ސަނީ ކުންފުންޏާއެކު ކުރެވުނު އެގްރިމެންޓްގެ ދަށުން މިހާރު ހުރިހާ އިކުއިޕްމެންޓްތަށް ހުރީ ރެޑީގަ. އެހެންނަމަވެސް އެއީ 9.1 މިލިއަން ޑޮލަރު. މިހާވަރުގެ ޑޮލަރުގެ ފައިސާގެ އަދަދަށްވާތީ ސަރުކާރުން އެބަހަމަޖައްސަވާ އެޑޮލަރުގެ ކަންތައް. އެހެންވީމަ އެފައިސާ ހަމަޖެހުނުހާ އަވަހަކަށް، އަޅުގަނޑު އުންމީދު ކުރަނީ ކުރިއަށް އޮތް ހަފަތާއެއް ނޫނީ ދެހަފްތާގެތެރޭގަ އެކަންކަން ނިމިގެން ދާނެކަމަށް. އެހެންވީމަ އެކަން ނިމުނުހާ އަވަހަކަށް މި އިކުއިޕްމެންޓްތަށް އަންނާނެ، އައިމަ އަޅުގަނޑު ކުރީގަވެސް ދެންނެވި ފަދައިން މިހާރު އަޅުގަނޑުމެނަށް ބަނދަރުގަ މިއޮތް ދަތިކަމަށް ބޮޑު ލުޔެއް ލިބިގެންދާނެ." ޖުނައިދު ވިދާޅުވިއެވެ.
އެމްޕީއެލަށް އަލަށްގެންނަ ވެހިކަލް ތަކާއިއެކު އެކުންފުނީގެ ޚިދުމަތް އަވަސްވެ ބަނދަރުގެ ހާލަތު އެތަށްގުނައެއް ރަނގަޅުވެގެންދާނެކަމަށް އެކުންފުނިން ކުރިން ވަނީ ބުނެފައެވެ. އެމްޕީއެލްގެ އަމާޒަކީ ޤައުމީ ވިޔަފާރި ބަނދަރަށް އެތެރެކުރާ މުދާ ގަޑިއެއްގެއިރުގެތެރޭގައި ކްލިއަރ ކުރެވޭނެ ފެންވަރަށް ބަނދަރު ތަރައްޤީކުރުން ކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.