ޚަބަރު

މުއްސަނދި ޤައުމުތަކުން އެހީ ކަނޑައިލުމުން 14 މިލިޔަން މީހުން ބަނޑުހައިހޫނުކަމުގެ ޙާލުގައި


ދުނިޔޭގެ މުއްސަނދި ބައެއް ޤައުމުތަކުން އެހީ ކަނޑައިލުމުން، އަފްޣާނިސްތާނު، ސޯމާލިއާ، ސޫދާނު، ކޮންގޯ އަދި ހައިޓީގައި ދިރިއުޅޭ 14 މިލިއަނެއްހާ މީހުން ބަނޑުހައިހޫނުކަމުގެ ޙާލަތަށް ވެއްޓުމުގެ ނުރައްކާ ބޮޑުވެފައިވާކަމަށް އދގެ ކާބޯތަކެތީގެ އެހީދޭ ޖަމްޢިއްޔާ، ޑަބްލިޔުއެފްޕީން ބުނެފިއެވެ.

ޑަބްލިޔުއެފްޕީއަށް އެންމެ ގިނައިން މާލީ އެހީތެރިކަން ފޯރުކޮށްދޭ އެމެރިކާގެ އިތުރުން ގިނަ އެހެން މުއްސަނދި ޤައުމުތަކުން ވެސް ވަނީ އިންސާނީ އެހީ ފޯރުކޮށްދިނުމަށް ދެމުންދިޔަ މާލީ އެހީތެރިކަން ވަރަށް ބޮޑަށް ކުޑަކޮށްފައެވެ.

ޑަބްލިޔުއެފްޕީން ބުނީ، މި އަހަރު ލިބޭނެކަމަށް ލަފާކުރި ބަޖެޓުގެ ތެރެއިން ލިބޭނެކަމަށް މިހާރު ބެލެވެނީ އޭގެ އެންމެ 40 ޕަސެންޓު ކަމަށެވެ. މިގޮތުން، 2024 ވަނަ އަހަރު 10 ބިލިއަން އެމެރިކާ ޑޮލަރު ލިބިފައިވާއިރު، މި އަހަރު ލިބޭނެކަމަށް ލަފާކުރެވެނީ ގާތްގަނޑަކަށް 6.4 ބިލިއަން އެމެރިކާ ޑޮލަރުކަމަށް އެ ޖަމްޢިއްޔާއިން ބުންޏެވެ.

ޑަބްލިއުއެފްޕީން ނެރުނު ރިޕޯޓެއްގައި ބުނީ ކާބޯތަކެތީގެ އެހީ ކުޑަކުރުމުން 13.7 މިލިއަން މީހުން ބަނޑުހައިހޫނުކަމުގެ ކުއްލި ޙާލަތުގެ ދަރަޖައަށް ވެއްޓުމުގެ ފުރުޞަތު ބޮޑުވެފައިވާ ކަމަށެވެ.

"ޑަބްލިޔުއެފްޕީން ކުރަންޖެހޭ ކަންކަމާއި އަޅުގަނޑުމެންނަށް ކުރުމުގެ ޤާބިލުކަން ހުރި ކަންކަމާ ދެމެދު އޮތް ފަރަގު ދުވަހަކުވެސް މިހާ ބޮޑުވެފައެއް ނުވޭ. ބަނޑުހައިހޫނުކަމާ ދެކޮޅަށް ކުރާ މަސައްކަތުގައި އެތައް ޒަމާނަކުން ލިބުނު ކުރިއެރުންތައް ގެއްލުމުގެ ނުރައްކާ އެބައޮތް،" ޑަބްލިއުއެފްޕީގެ އެގްޒެކެޓިވް ޑިރެކްޓަރު ސިންޑީ މެކެއިން ވިދާޅުވިއެވެ.