އަންނަ އަހަރު ބަޖެޓުގައި ހިމަނައިގެން ރާއްޖޭގެ ހުރިހާ ސްކޫލެއްގައިވެސް އިންކްލޫސިވް ކްލާސްރޫމްތައް ޤާއިމްކުރުމުގެ މަސައްކަތް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު ށ. ފުނަދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ތަޢުލީމީ ދާއިރާއިން އަންނަ އަހަރު ފަށާ ދެ މަޝްރޫޢެއްގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖޭގެ ތަޢުލީމީ ދާއިރާގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ބޭނުން ކަންކަން ހަމަޖައްސައި ދިނުމަށާއި އެފަދަ ކުދިންނަށް ބޭނުންވާ ސަމާލުކަން ދެވޭނެ އެކަށީގެންވާ ނިޒާމެއް މިހާތަނަށް ފުރިހަމަ ކުރެވިފައިނުވާ ކަމަށެވެ. އަދި ކޮންމެ ރަށެއްގައިވެސް ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ތައުލީމް ހާސިލުކުރެވޭނެ ގޮތަށް ކަންކަން އިންތިޒާމްކުރަންޖެހޭކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން މިކަން ކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން މުޅިން އަލަށް ފަށާ މަޝްރޫޢެއް ގޮތުގައި އިންކްލޫސިވް ކްލާސްރޫމް ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށްގެންދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"މިއަންނަ އަހަރު ބަޖެޓުގައި މިހާތަނަށް ނުދޭވަރަށް ސަމާލުކަން ދީ އިންކްލޫސިވް ކްލާސްރޫމް ޤާއިމްކުރުމަށްޓަކައި ހުރިހާ ސްކޫލެއްގައިވެސް، މަޝްރޫޢުއެއް އެބަހިމަނަން، މިކަމަށް ބޭނުން ޓީޗަރުން ބިނާކުރުމަށް މިހާރުވެސް މަޝްރޫޢެއް ހިންގާ 80 ޓީޗަރުން ތަމްރީނުކުރެވިއްޖެ. އިތުރަށް ޓީޗަރުން ތަމްރީނު ކުރެވިގެންދާނެ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ތަޢުލީމީ ދާއިރާގައި ހުރި މައްސަލަތައް ހައްލުކުރުމުގެ ތެރެއިން ރާއްޖޭގައި އޭލެވެލް ކިޔަވާ ދަރިވަރުން އިތުރު ކުރުމަށްވެސް ޚާއްސަ މަސައްކަތްތަކެއް ފަށައިގެން ކުރިއަށްދާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އަދުގެ ސަރުކާރު ހަވާލުވިއިރު އޭލެވެލްއަށް ކިޔަވާ ދަރިވަރުން ނިސްބަތް ހުރީ %40 ގައި ކަމަށާއި ނަމަވެސް ތަޢުލީމީ ގޮތުން ކުރިއަރާފައިވާ ޤައުމުތަކުގައި މިއަދަދު ހުރީ %65 ގައިކަމަށް ރައީސް ވިދާޅުވިއެވެ. މިކަން ހައްލުކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން، ކޮންމެ ދަރިވަރަކުވެސް އެ ދަރިވަރަކު ކުރިއަށްދާން ބޭނުންވާ ދާއިރާއަކުން ކުރިއަށް ދެވޭނެ ގޮތަށް އޭލެވެލްއަށް ކިޔެވުމުގެ ފުރުސަތު ލިބޭނެ ގޮތަށް ސިޔާސަތުތައް ބައްޓަންކޮށް، އައު މަޝްރޫޢެއްގެ ތެރެއިން އެމަސައްކަތް ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
" އެހެންވީމަ އަޅުގަނޑުމެން މަސައްކަތް ކުރަނީ އަލަށް ހިންގާ މަޝްރޫޢުތަކުގެ ތެރެެއިން އެކުއްޖަކު އޭލެވެލް ކިޔަވަން ބޭނުންވާ ދައިރާއަކުން ކުރިއަށް ދިއުމަށް ހުރިހާ ކުދިންނަވެސް ފުރުސަތި ލިބޭނެ ގޮތަށް ކަނޑައަޅަން. އެއީ ވަރަށް މުހިންމު ކަމެއް. އަޅުގަނޑު އަބަދުވެސް މި ދަންނަވަނީ ބޭނުންވަނީ ހުރިހާ ގޮތަކުން ތަރައްޤީ ގެނެސްދޭށޭ. އިންސާނީ ތަރައްޤީއަކީ ވަރަށް މުހިންމު އެއްޗެއް. އަޅުގަނޑުމެން މާލެ ސަރަހައްދުގައި ވޮކޭޝަނަލް ހައިސްކޫލެއް އެބަ އަޅަން. މިއަންނަ އަހަރު ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އޭލެވެލް ފުޅާކުރުމުގެ މަސައްކަތްވެސް މިކުރެވެނީ އެގޮތުން. " ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އޭލެވެލްއަށް ކިޔަވާ ދަރިވަރުންގެ އަދަދު އިތުރުކުރުމަށް ސަރުކާރުން މިހާރުވެސް މަސައްކަތް ފަށާފައިވާއިރު، މިހާރު އޭލެވެލް ކިޔަވާ ދަރިވަރުންގެ ނިސްބަތް %50 އަށް އިތުރު ކުރެވިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ސަރުކާރުން ތަޢުލީމީ ދާއިރާ ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތައް މިހާރުވެސް ގެންދަނީ ކުރައްވަމުންނެވެ. އެގޮތުން ރަށްރަށުގެ ސްކޫލްތަކަށް ބޭނުންވާ ވަސީލަތްތައް ފުރިހަމަކޮށް ތަރައްޤީކުރުމުގެ ތެރެއިން އައު މަޝްރޫޢުތައް ފައްޓަވައި އަދި މިހާރު ހުއްޓިފައި ހުރި މަޝްރޫޢުތައް ކުރިއަށް ގެންދެވޭނެ އިންތިޒާމުތައް ދަނީ ހަމަޖައްސަވަމުންނެވެ.