އާއިލާއާބެހޭ ގަވާއިދަށް ހުށަހަޅާ އިސްލާހުތައް ފުރިހަމަކުރުމަށް އިޖްތިމާއި އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
ޢާއިލާއާބެހޭ ޤާނޫނުގެ 72 ވަނަ މާއްދާގެ ދަށުން އެކުލަވާލެވިފައިވާ މި ގަވާއިދަކީ އާއިލާއާބެހޭ ޤާނޫނު ތަންފީޛުކުރުމުގައި ޢަމަލު ކުރާނެ ގޮތުގެ އުސޫލުތައް ބަޔާންކުރުމާއި، ޤާނޫނު އިތުރަށް ފުރިހަމަކޮށް، ތަންފީޛުކުރުމުގައި މިހާރު ދިމާވާ ތަފާތު ގޮންޖެހުންތައް ހައްލުކޮށްދިނުމުގެ ގޮތުން އެކުލަވާލެވިފައިވާ ގަވާއިދެކެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާގެ ފަރާތުން ވަނީ މި ޤަވައިދު އިސްލާހުކުރުމަށް ކަމާގުޅުންހުރި އިދާރާތަކާއެކު ވެލިޑޭޝަން ބައްދަލުމެއް ބާއްވާފައިއެވެ.
ގަވާއިދު އިސްލާހްކުރުމުގެ ވެލިޑޭޝަން ބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ ތަޖުރިބާކާރުންނާއި މަސްޢޫލުވެރި އިދާރާތަކުގެ ޚިޔާލުތަކަށް ބިނާކޮށް، ހުށަހެޅިފައިވާ އިސްލާހުތައް ވެލިޑޭޓްކޮށް އިތުރަށް ފުރިހަމަކުރަންޖެހޭ ދާއިރާތަކާއި ކަންކަން ފާހަގަކުރުމެވެ.
އެގޮތުން، މި ބައްދަލުވުމުގައި ވަނީ ޢާއިލާއާބެހޭ ގަވާއިދު ތަންފީޛުކުރުމުގައި ހުރި ގޮންޖެހުންތަކާއިއެކު ގަވާއިދަށް ގެންނަށް ފެންނަ މުހިއްމު އިޞްލާޙުތަކެއް ދެނެގަނެވި، އެކަންކަން ބަދަލުކުރުމަށް އިޖުރާޢީ ގޮތެއްގައި ޢަމަލުކުރާނެގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.
މި ގަވާއިދުގެ ތަންފީޛީ މަރުޙަލާގައި ދިމާވެފައިވާ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށްޓަކައި، ގަވާއިދު އިސްލާހު ކުރުމުގެ މަސައްކަތްކުރެވިފައިވަނީ، ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އާއި ފެމިލީ ކޯޓުގެ ފަންނީ އެހީތެރިކަމާއި އެއްބާރުލުމާއެކީގައެވެ.
އިޖްތިމާއި އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ދާދިފަހުން ވަނީ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނަށް ބަދަލު ގެނައުމުގެ މަޝްވަރާ ބައްދަލުވުންތައްވެސް ފަށާފައެވެ.