ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ އަންނަ އަހަރުގެ ފުރަތަމަ ސެމިސްޓަރގެ ކޯސްތަކަށް ހުޅުވާލައިފިއެވެ. އަންނަ އަހަރުގެ ޖެނުއަރީ އިންޓޭކުގައި ޖުމްލަ 68 ކޯހަކަށް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
2026 ވަނަ އަހަރުގެ ޖެނުއަރީ އިންޓޭކަށް އައިޔޫއެމްއިން އިއުލާނުކޮށްފައިވާ ކޯސްތަކުގެ ތެރޭގައި، ޕީއެޗްޑީ ލެވެލްގެ 3 ކޯހަކާއި، މާސްޓާސް ލެވެލްގެ 17 ކޯހަކާއި، ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާ 1 ކޯހާއި، ބެޗްލަރސް ލެވެލްގެ 15 ކޯހަކާއި، އެސޯސިއޭޓް ޑިގްރީ 1 ކޯހެއް އަދި ޑިޕްލޮމާގެ 11 ކޯހެއްގެ އިތުރުން، ސެޓްފިކެޓޤ ލެވެލްގެ ޖުމްލަ 20 ކޯހެއް ހިމނެއެވެ.
މި ކޯސްތައް ބެހިފައިވާ މައިގަނޑު ދާއިރާތަކުގެ ތެރޭގައި ޤުރްއާނާއި ހަދީޘް، ޝަރީޢާ އެންޑް ލޯ، ފިޤްހް، އިސްލާމިކް ސްޓަޑީސް، އިމާމްޝިޕް، ލޭންގުއެޖް، އެޑިޔުކޭޝަން، ކައުންސެލިން، ފައިނޭންސް، އެކައުންޓިންގް، ލީޑަރޝިޕް އެންޑް އެޑްމިނިސްޓްރޭޝަން މެނޭޖްމެންޓް އަދި ޖަރނަލިޒަމްގެ އެކި ކޯސްތައް ހިމެނެއެވެ.
އައިޔޫއެމްގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ވިދާޅުވީ، އެ ޔުނިވަރސިޓީން ދަރިވަރުންނަށް ދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ޔުނިވަރސިޓީން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ.
"ވަރަށް ބޮޑަށް މަސައްކަތްކުރަމުން މި ދަނީ ކިޔެވުމުގެ ކަންކަން ރަނގަޅުކުރެވޭތޯ، އަފި ހަމައެއާއެކު، ދަރިވަރުންނަށް ދެވޭ ޚިދުމަތްތައް ރަނގަޅުކުރެވޭތޯ. ޔުނިވަރސިޓީގަ ވަރަށް ބޮޑު ރޫހެއް އުފެއްދުމަށްޓަކައި އަޅުގަނޑުމެން މަސައްކަތް ކުރަމުން މި ގެންދަނީ، ޔުނިވަރސިޓީން ލިބޭ ތަޢުލީމާއި ޔުނިވަރސިޓީން ލިބޭ ޚިދުމަތަކީ މީހުން ހިތްހަމަޖެހޭ ގޮތަށް ފޯރުކޮށްދެވޭ ކަންކަމަށް ހެދަޭތޯ ބެލުމަށްޓަކައި". ޑރ. ޢަލީ ޒާހިރު ވިދާޅުވިއެވެ.
އަންނަ އަހަރުގެ ފުރަތަމަ ސެމިސްޓަރގައި އައިޔޫއެމްގެ ކޯސްތައް ރ، އުނގޫފާރު، ޅ، ނައިފަރު، ލ، ފޮނަދޫ، ގދ، ތިނަދޫ، ފުވައްމުލައް ސިޓީ އަދި އައިއްޓޫ ސިޓީ މީދޫގައި ޤާޢިމު ކުރެވިފައިވާ އައިޔޫއެމްގެ ލާނިން ސެންޓަރުތަކުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް އެ ޔުނިވަރސިޓީން ވިދާޅުވެއެވެ.
އަންނަ އަހަރުގެ ޖެނުއަރީ އިންޓޭކުގެ ކޯސްތަކަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ، ޑިސެމްބަރުމަހުގެ 31ވަނަ ދުވަހުގެ 13:00އެވެ.
ދިވެހިރާއްޖެ އިސްލާމީ ޔުނިވަރސިޓީއާއި އެ ޔުނިވަރސިޓީގެ ލާނިންގް ސެންޓަރުތަކުގައި ހިންގާ ޑިގްރާ ފެންވަރުގެ ހުރިހާ ކޯސްތަކަކީ ވެސް ސަރުކާރުގެ ހިލޭ ޑިގްރީގެ ތެރެއިން %100 ޓިއުޝަން ފީ ހިލޭ ކޯސްތަކެއްކަން އެ ޔުނިވަރސިޓީން ފާހަގަކުރައްވައެވެ.
އަދި އައިޔޫއެމްގެ ބައެއް ކޯސްތައް އޮންލައިން އަދި ބްލެންޑަޑް ކޮށްވެސް ކިޔެވޭ ގޮތަށް ހަމަޖެހިފައިވާކަމަށް އެ ޔުނިވަރސިޓީން ވިދާޅުވެއެވެ.