ކުޅިވަރު

ކޮލިފައިނުވެއްޖެނަމަ އިޓަލީ ދޫކޮށް ދިރިއުޅޭނީ ސްޕެއިނުގައި: ގަޓޫސޯ


އަންނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށް އިޓަލީ ކޮލިފައިކޮށް ނުދެވިއްޖެނަމަ ކޯޗުކަން ދޫކޮށްލައި ދިރިއުޅޭނީވެސް ސްޕެއިނުގައި ކަމަށް ގައުމީ ކޯޗު ޖެނާރޯ ގަޓޫސޯ ބުނެފިއެވެ.

އޭނާ މިހެން ބުނީ ކޯޗުކަމާ ހަވާލުވުމަށް ފަހު މިހާތަނަށް ރަނގަޅު ނަތީޖާތަކެއް ނެރެ ޕްލޭއޮފް ކުޅޭނެކަން ޔަގީންވުމާއެކުގައެވެ.

އިޓަލީ މިވަގުތު އޮތީ ގްރޫޕް އިސްރާއީލާއި އެސްޓޯނިއާ އާއި މޯލްޑޯވާ އާއި ނޯވޭ ހިމެނޭ ގްރޫޕުގެ ދެ ވަނާގަ އެވެ. އެއީ 15 ޕޮއިންޓާއެކުގަ އެވެ. އެއްވަނާގައިވަނީ 18 ޕޮއިންޓާއެކު ނޯވޭ އެވެ.

ކޮލިފައިންގެ ފަހު ދެ މެޗުގައި އިޓަލީ ނުކުންނާނީ ނޯވޭ އާއި މޯލްޑޯވާއާ ދެކޮޅަށެވެ. ނޯވޭއާ ދެކޮޅަށް ނުކުންނާނީ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހު މޯލްޑޯވާއާ ދެކޮޅަށް ކުޅޭތާ ތިން ދުވަސް ފަހުންނެވެ. މިހެންވެ މި ދެ މެޗު ކާމިޔާބުކޮށް އިޓަލީ އަށް ކޮލިފައިވުމުގެ ފުރުސަތު އެބައޮތެވެ.

"ކޮލިފައިނުވެއްޖެނަމަ އަހަރެން ކޯޗުކަން ދޫކޮށްލާނަން. އަދި އަހަރެން ދިރިއުޅޭނީ ވެސް އިޓަލީއާ ދުރުގައި. އެކަމަކު އަހަރެން ދޭތެރެދޭތެރެއިން އިޓަލީ އަށް ދާނަން،" ގަޓޫސޯ ބުންޏެވެ.
ގަޓޫސާގެ އާއިލާ މިހާރު ވެސް ދިރިއުޅެނީ ސްޕޭނުގެ މާބެއްލާގަ އެވެ.

މިދިޔަ ޖޫން މަހު މަގާމާ ހަވާލުވި ކުރީގެ ވަރުގަދަ މިޑްފީލްޑަރު ބުނީ އިޓަލީ ވޯލްޑް ކަޕަށް ކޮލިފައިވެއްޖެނަމަ އެކަމުގެ ކްރެޑިޓް ވެސް ނަގާނެ ކަމަށެވެ.

"ޔަގީން. އަހަރެން އެގެ ކްރެޑިޓް ނަގާނަން. އެކަމަކު ބަލިވެއްޖެނަމަ އަހަރެން މަގާމުގައި ނުހުންނާނަން،" ގަޓޫސީ ބުންޏެވެ.

އޭނާ އަދި ބުނީ އިޓަލީގެ ގައުމީ ކޯޗުކަން އޭނާއާ ހަވާލުކުރީ އެ މަގާމަށް އޭނާ އަށް މާ އެކަށީގެންވާ މީހުން ތިއްބައި ކަމަށެވެ.

"އަހަރެންނަށްވުރެ މާ ތަޖުރިބާހުރި ކޯޗުން ވެސް އެބަތިބި. އަހަރެންނާ މި މަގާމު ހަވާލު ކުރީ ވަރަށް އިތުބާރުކޮށްފައި. މިހެންވެ އަހަރެން އިޓަލީގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސަށް ޝުކުރު އަދާ ކުރަން އަދި އިޓަލީގެ ގައުމީ ޓީމުގައި މަސައްކަތް ކުރާ ކުރީގެ ގައުމީ ކީޕަރު ޖިއާން ކުއިޖީ ބުފަން އަށް. އަހަރެން މަސައްކަތް ކުރަނީ ކާމިޔާބު ހޯދަން. މިހާތަނަށް ހޯދިފައިމިވާ ކާމިޔާބީތައް ގޯހެއް ނޫން. އެކަމަކު އެކަމުގެ ހުރިހާ ކްރިޑެޓެއް ހައްގު ވަނީ ކުޅުންތެރިންނަށް،" ގަޓޫސޯ ބުންޏެވެ.

އެންމެ ފަހުގެ ޔޫރޯ އަށް ކޮލިފައި ނުވި ހިސާބުން އިޓަލީގެ ފުޓްބޯޅަ އަށް ބަދަލުތަކެއް ގެނައުމަށް ފެޑަރޭޝަނުން ނިންމި އެވެ. ގަޓޫސޯ އަށް ކޯޗުކަން ދިނީ ޓީމު ޒުވާންކޮށް ކުރިމަގަށް ވަރުގަދަ ޓީމެއް ނެރުމަށެވެ.