ނިމުނު ހަފްތާގައިވެސް ސިޔާސީ، އިޤްތިޞާދީ އަދި ޢުމްރާނީ ތަރައްޤީގެ ދައިރާ ހިމެނޭހެން މުހިންމު ކަންކަން ހިންގާފައިވެއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މި ނިމުނު ހަފްތާގައި އެމަނިކުފާނު ވަޑައިގެންނެވީ މިލަދުންމަޑުލު އުތުރުބުރީގެ 14 ރަށަކަށެވެ. އެމަނިކުފާނުގެ ދަތުރުފުޅުގައި، އެ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތްކުރައްވައި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރެއްވިއެވެ. އަދި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވާ، ރަށުގެ ތަރައްޤީއަށް ހިންގާ ބައެއް މަޝްރޫޢުތައް ފަށްޓަވައިދެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުގެ އިތުރުން، އެމަނިކުފާނު މިދިޔަ ހޮނިހިރު ދުވަހު ކްރޮސް ރޯޑްސްގައި ޤާއިމްކޮށްފައިވާ ސްކޫލް ކުދިން ކޭމްޕް ދާނެ ހާއްސަ ސަރަހައްދު ހުޅުވައިދެއްވިއެވެ.
މީގެ އިތުރުން އައްޑޫ ކައުންސިލް އުފެދިފައިވާގޮތާ ގުޅޭގޮތުން ނަގާ ވޯޓުގައި ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ ސުވާލުތަކަށް އެމަނިކުފާނު ބަދަލު ގެންނަވާ 3 ރަށުގައި ވަކި ކައުންސިލްތައް ކަނޑައަޅަން ރައީސް ވަނީ ސުވާލު ހުށަހަޅުއްވާފައެވެ.
ރައްޔިތުންގެ މަޖިލީހުން މިދިޔަ ހަފްތާގައި ނިންމާފައިވާ ބައެއް ކަންކަމަށް ބަލާއިރު، އޮޑިޓް އޮފީހަށް 134 މިލިޔަން ރުފިޔާގެ ބަޖެޓެއް ފާސްކުރުން ހިމެނެއެވެ. މީގެ އިތުރުން، ކަޒަކިސްތާނާއި މޮރިޝަސްއަށް ސަފީރުން އައްޔަންކޮށްފައިވެއެވެ. އަދި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް ހުށަހެޅުއްވި 4 ނަމަށް މަޖިލީހުގެ ރުހުން ދީފައިވަނީވެސް ނިމުނު ހަފްތާގައެވެ. މީގެ އިތުރުން ބަންޑާރަ ނައިބު އަދި އިޤްތިޞާދީ ވަޒީރު މަޖިލީހުގައި މެންބަރުންގެ ދެއްވިއިރު ބަންޑާރަ ނައިބު ވަނީ ބެސްޓިނެޓް އެއްބަސްވުމަށް ކުރީ ސަރުކާރުން އަމަލުނުކުރުމުން ބޮޑު ބަދަލެއްދޭންޖެހޭކަން ހާމަކުރައްވާފައެވެ. މިކަންކަމުގެ އިތުރުން ގުނަވަން ޓްރާންސްޕްލާންޓް ކުރުމާއި ގުޅޭ ބިލެއްވެސް މަޖިލީހަށް މިދިޔަ ހަފްތާގައިވަނީ ހުށަހަޅާފައެވެ.
އިޤްތިޞާދީ ދައިރާއިން، ނިމިދިޔަ ހަފްތާގައި އެންމެ ފާހަގަކޮށްލެވުނު އެއް ޚަބަރަކީ މިމަހުގެ 15 ވަނަ ދުވަހު އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރު ކުރެވުނު 23 ބާވަތް އެސްޓީއޯ މެދުވެރިކޮށް ވިއްކަން ފެށުމެވެ. މީގެ އިތުރުން އުރީދޫގެ އެމްފައިސާ ވޮލެޓް މެދުވެރިކޮށް ޕޭޕަލް ޚިދުމަތް ރާއްޖެއަށް ތަޢާރަފްކުރުމުގެ މަސައްކަތް ފެށި ޚަބަރަކީވެސް އިޤްތިޞާދީ ދައިރާއިން ފާހަގަކޮށްލެވޭ މުހިންމު ހަބަރެކެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ބަލާއިރު، އައްޑޫ ސިޓީ ހަންކެޑެއާއި ށ. ނަލަންދޫގައި ރިސޯޓު ތަރައްގީކުރުމަށް ސަރުކާރުން ހުޅުވާލީ މިދިޔަ ހަފްތާގައެވެ. މީގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ އެވޯޑު ހަފްލާގެ ތެރެއިން 8 ފެސިލިޓީއަކަށް ޖުމްލަ 10 އެވޯޑެއް ދީފައިވަނީ މިދިޔަ ހަފްތާގައެވެ.
ސިއްޙީ ދައިރާއިން ފާހަގަކޮށްލެވޭ ކަންކަމުގެ ތެރޭގައި، ނުރައްކާތެރި 3 ބައްޔެއް މައިންގެ ފުށުން ދަރިންނަށް ޖެހުން ނައްތާލި ފުރަތަމަ ޤައުމަށް ރާއްޖެވުން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އައިޖީއެމްއެޗްގައި ކަކުލުހުޅު ސާޖަރީ ހަދަން ފެށުން ފާހަގަކުރެއެވެ.
ނިމުނު ހަފްތާގައި ފާހަގަކޮށްލެވޭ އެހެން ބައެއް ޚަބަރުތަކަށް ބަލާއިރު، ސޯޝަލް ހައުސިންގެ ތެރެއިން ދޫކުރާ ފްލެޓުތައް ކުއްޔަށްދިނުން ޤާނޫނުގެ ތެރެއިން ހުއްޓުވާނެކަމަށް ގެދޮވެރުވެރިކަމާ ބެހޭ ވަޒީރު ވިދާޅުވުން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ޤައުމީ ޤުރުއާން މުބާރާތުގެ އިނާމު ދިނުމުގެ ޖަލްސާ ނިމުނު ހަފްތާގައި ބާއްވާފައިވެއެވެ. އަދި ކޮޅުވެއްޓިއެއް ބަނޑުންޖަހާލައި 2 މީހަކު ނިޔާވި ޚަބަރަކީވެސް ނިމުނު ހަފްތާގެ ތެރެއިން ފާހަގަކޮށްލެވޭ ޚަބަރެކެވެ.