ޚަބަރު

އައްޑޫ ޚިޔާލު ނެގުމުގެ ވޯޓު: 255 މީހަކު ރީ-ރަޖިސްޓްރީވުމަށް ހުށަހަޅާފައިވޭ


  • އޮބްޒާވަރުންނާއި މޮނިޓަރުންގެ ގޮތުގައި

  • އިދާރީ ހުރިހާ ތައްޔާރީތަކެއް ދެ ދުވަހެއްގެ ތެރޭގައި ނިމޭނެ

އައްޑޫ ސިޓީ ކައުންސިލު އުފެދިފައިވާ ގޮތަށް ބަދަލު ގެނައުމަށް ނަގާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަށް ރީ-ރަޖިސްޓްރީވާން ހުޅުވާލި މުއްދަތުގެ ތެރޭގައި 255 މީހަކު އެކަމަށް އެދި ހުށަހަޅާފައިވާކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ ކައުންސިލް އުފެދިފައިވާ ގޮތަށް ބަދަލު ގެނައުމަށް އައްޑު އަތޮޅު ހުޅުދޫ، މީދޫ އަދި ފޭދޫ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުނެގުމަށް ހަމަޖެހިފައިވަނީ މިމަހުގެ 25 ވާ ހޮނިހިރު ދުވަހުއެވެ.

އައްޑޫ ސިޓީގެ މި 3 ރަށުގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ ވޯޓަށްވަމުންދާ ތައްޔާރީތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވީ، ހޮނިހިރު ދުވަހުގެ ވޯޓާގުޅިގެން ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރީ-ރަޖިސްޓްރީވާން ހުޅުވާލި މުއްދަތުގެ ތެރޭގައި ޖުމްލަ 255 މީހަކު އެޕްލިކޭޝަން ހުށަހަޅާފައިވާކަމަށެވެ. އޭގެ ތެރެއިން 248 މީހެއްގެ ރީ-ރަޖިސްޓްރޭޝަން ޕްރޮސެސް ނިމިފައިވާކަމަށާއި، މިކަމުންވެސް ރައްޔިތުންގެ ޝަޢުގުވެރިކަން މި ވޯޓަށް އޮތް މިންވަރު ހާމަވެގެންދާކަމަށް އިލެކްޝަންސްގެ ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ދަންނަވާނީ އޭގެ ޒާތުގައި އެ ތަރުހީބު ރަނގަޅޭ. މިދެންނެވީ އެ ޝަޢުގުވެރިކަން އަޅުގަނޑުމެންނަށް ފެނެޔޭ، ވޯޓުގައި ބައިވެރިވުމާއި، ރައްޔިތުންގެ މި ނިންމުމުގައި 3 ރަށުގެ ރައްޔިތުން ބައިވެރިވުމުގެ އެ ޝަޢުގުވެރިކަންހުރި މިންވަރު އަޅުގަނޑުމެންނަށް ދޭހަކޮށްދޭ އޭގެންވެސް." އިލެކްޝަންސް ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ.

ރައްޔިތުންގެ ޚިޔާލު ނެގުމުގެ ވޯޓުލުން ބޭއްވުމަށްޓަކާ ޖުމްލަ 18 ވޯޓުފޮށްޓެއް ބެހެއްޓުމަށްވަނީ ހަމަޖެހިފައެވެ. އީސީގެ ރައީސް ޒާހިދު ވިދާޅުވީ، ވޯޓު ފޮށީގެ އަދަދު ކަނޑައަޅާފައިވަނީ އެންމެފަހުން ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވޯޓުފޮށިތައް ބެހެއްޓި މިންވަރަށާއި ތަންތަނަށް ބަލައިގެންކަމަށެވެ. އަދި މައިގަނޑު ބަދަލެއްގެ ގޮތުގައި ގެނެސްފައިވަނީ މާލޭ ސަރަޙައްދުގައި ވޯޓުލުން ހަމައެކަނި މާލޭގައި ކުރިއަށްގެންދާގޮތަށްކަމަށް ޒާހިދު ވިދާޅުވިއެވެ.

އެގޮތުން މާލޭގައި ވޯޓުލުމަށްޓަކާ ޖުމްލަ 7 ފޮއްޓެއް ބެހެއްޓުމަށް ނިންމާފައިވާއިރު، މި ހުރިހާ ފޮށްޓެއްވެސް ހުންނާނީ ކަލާފާނު ސްކޫލުގައެވެ. އަދި އައްޑޫ ސިޓީ ހުޅުދޫގައި 3 ފޮށި، މީދޫގައި 3 ފޮށި އަދި ފޭދޫގައި 5 ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.

ހޮނިހިރު ދުވަހުގެ ވޯޓުލުމުގެ އިދާރީ ހުރިހާ ތައްޔާރީތަކެއް ކުރިއަށްއޮތް ދެ ދުވަހެއްގެ ތެރޭގައި އެއްކޮށް ނިމޭނެކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ.

"މިހާރު އަޅުގަނޑުމެން ކުރަމުން މިދަނީ ވޯޓު ކަރުދާސްތައް ޗާޕުކުރުމާއި އަޅުގަނޑުމެން އެއަތޮޅަށް ފޮނުވަންޖެހޭ ވޯޓުފޮށިތައް އޭގައި ހުންނަންޖެހޭ ހުރިހާ އެއްޗެހިތަކެއް ހަމަކުރުމާއި އެގޮތަށް ތައްޔާރުވުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއްވެސް އެހުރީ ގާތްގަނޑަކަށް ނިމިފައި. އިރާދަކުރެއްވިއްޔާ ކުރިއަށްއޮތް 2 ދުވަހެއްގެ ތެރޭގައި އެ މަސައްކަތްތް އެއްކޮށް ނިންމާލާ، އިދާރީގޮތުން އެހެންހުރި ހުރިހާކަމެއް ނިމޭނެ." އިލެކްޝަންސް ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ.

ހޮނިހިރު ދުވަހު ބާއްވާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުގައި މޮނިޓަރުންގެ ގޮތުގައި 78 ފަރާތެއް އަދި އޮބްޒާވަރުންގެ ގޮތުގައި 57 ފަރާތަކުން ރަޖިސްޓްރީކޮށްފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. މި ވޯޓުލުންވެސް ކުރިއަށް ގެންދާނީ އެހެން އިންތިޚާބުތަކުގައިވެސް ކުރިއަށްގެންދާ ހުރިހާ މަރުހަލާތަކެއްވެސް ފުރިހަމަކޮށްގެންކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

އެގޮތުން ވޯޓުލުން ކުރިއަށްދާނީ މިމަހުގެ 25 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 08:00 އިން ހަވީރު 16:00 އާ ހަމައަށެވެ. އަދި ވޯޓުލާ ގަޑި ހަމަވުމުން 30 މިނެޓުގެ ހުސްވަގުތުކޮޅަކަށްފަހު ވޯޓުގުނުމާއި ވަގުތީ ނަތީޖާ މަރުކަޒުތަކުގައި އިޢުލާންކުރެވިގެންދާނެކަމަށާއި، އެއަށްފަހު ދާއިމީ ނަތީޖާ ޖެހިގެން އަންނަ އާދިއްދަ ދުވަހު ކޮމިޝަނުން އިޢުލާންކުރައްވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.