ޚަބަރު

ނިލަންދޫ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ނިމުމަކާ ގާތަށް


  • ޖުމްލަ 42.6 ހެކްޓަރުގެ ބިން ހިއްކާނެ

  • ބިން ހިއްކުމުގެ %90 މަސައްކަތް މިހާރު ވަނީ ނިމިފައި

  • 1800 މީޓަރުގެ ދިގު ރަންވޭއެއް ތަރައްޤީކުރާނެ

ފ. ނިލަންދޫ އެއަރޕޯޓް ތަރައްޤީކުރަން ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ވިދާޅުވެއްޖެއެވެ.

ނިލަންދޫގެ ބިން ހިއްކުމުގެ މަސައްކަތް އިމާރާތްކުރުމާ ބިނާރާ ބެހޭ ވުޒާރައިން އެމްޓީސީސީއާ ހަވާލުކޮށްފަވަނީ މިދިޔަ އަހަރުގެ މާރިޗު މަހުގެ 27 ވަނަ ދުވަހުއެވެ.

ނިލަންދޫ އެއަރޕޯޓު އެޅުމަށް ބޭނުންވާ ބިންހިއްކުމަށް ކުރިއަށްގެންދާ މި މަސައްކަތުގެ ދަށުން 42.6 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ. އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ދަށުން 2098 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމެންޓް ޖެހުމާއި 1400 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 390 ދުވަސްތެރޭ ނިންމުމަށެވެ.

އެމްޓީސީސީން ވިދާޅުވީ ނިލަންދޫ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާކަމަށެވެ. އެގޮތުން ބިން ހިއްކުމުގެ މަސައްކަތުގައި މިހާތަނަށް %90 މަސައްކަތް ވަނީ ނިމިފައެވެ. މީގެ އިތުރުން ވެލި ޖެއްސުމުގެ މަސައްކަތުގެ %81 ނިމިފައިވާކަމަށް ވިދާޅުވިއެވެ.

ފ. އަތޮޅަކީ ރާއްޖޭގައި މިވަގުތު އެއަރޕޯޓެއް ނެތް މަދު އަތޮޅުތަކުގެ ތެރެއިން އެއް އަތޮޅެވެ. ނިލަންދޫ އެއަރޕޯޓަކީ މި ދައުރުގައި ސަރުކާރުން ތަރައްޤީކުރުމަށް އިޢުލާނުކޮށްފައިވާ 12 އެއަރޕޯޓުގެ ތެރޭގައި ހިމެނޭ އެއް އެއަރޕޯޓެވެ.

ނިލަންދޫ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ކުރަމުންދާއިރު، މި އެއަރޕޯޓު ތަރައްޤީކުރުމަށް ޙަވާލުކޮށްފައިވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއާއެވެ. އެކުންފުންޏާ މި މަސައްކަތް ހަވާލުކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރުމަހުގެ 20 ވަނަ ދުވަހުއެވެ. 1800 މީޓަރުގެ ރަންވޭއަކާއެކު މި އެއަރޕޯޓު ތަރައްޤީކުރެވިގެންދާނީ ޕްރައިވެޓް ޖެޓް ޖެއްސޭ ފެންވަރަށެވެ.