ލ. ހިތަދޫ ވޮލީ ކޯޓު ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމް.ޓީ.ސީ.ސީ އާއި ހަވާލުކޮށްގެން ކުރިޔަށް ގެންދާ މި ވޮލީ ކޯޓުގެ މަސައްކަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ލ. ހިތަދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި މަޝްރޫއު ފަށްޓަވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާއިބެހޭ ވަޒީރު އަބުދުالله ރާފިޢުއެވެ. މި ރަސްމިއްޔާތުގައި ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެމް.ޓީ.ސީ.ސީގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ، (ރޓ) އަހުމަދު ސަޢުދީ އާއި ހިތަދޫ ކައުންސިލް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މިއީ 1.24 މިލިއަން ރުފިޔާއަށް 120 ދުވަހުގެތެރޭގައި ނިންމާގޮތަށް އެ ކުންފުންޏާއި ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން ކޮންކްރިޓް މަސައްކަތާއި ދަގަނޑުގެ މަސައްކަތާއި ކަރަންޓްގެ މަސައްކަތާއި ޓާފް އެޅުމާއި އިކުއިޕްމެންޓް ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
1330 މީހުންގެ އާބާދީއެއް ދިރިއުޅޭ ލ. ހިތަދޫގައި ވޮލީ ކޯޓެއް ތަރައްޤީކުރުމުގެ މަޝްރޫއަކީ ރަށުގެ ޒުވާނުންގެ އުންމީދުތަކާއި ވަރަށް ބޮޑަށް ގުޅިފައިވާ މަޝްރޫއެކެވެ. މި ވޮލީ ކޯޓުގެ މަސައްކަތް ނިމުމުން ހިތަދޫގެ ރައްޔިތުންނަށް އިޖުތިމާއީ ގޮތުން ކުރިއެރުންތައް ލިބި އެއްބައިވަންތަކަން ދެމެހެއްޓުމަށް މަގުފަހިވެގެންދާނެ ކަމަށް އެމްޓީސީސީން ދެކެއެވެ.