ކުރިއަށް އޮތް 5 މަސް ދުވަހުގެތެރޭ ރާއްޖެ ޓްރާންސްޕޯޓް ލިންކް، އާރްޓީއެލްގެ ޚިދުމަތް ނުފެށި ހުރި ހުރިހާ އަތޮޅެއްގައި އެ ޚިދުމަތް ފެށިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ރަށްތަށް ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލުމަށް 2022ވަނަ އަހަރުވަނީ އެމްޓީސީސީއާއި ހަވާލުކޮށްގެން މަޝްރޫޢެއް ފަށްޓަވާފައެވެ. މިމަޝްރޫޢުގެ ދަށުން ރާއްޖެ 6 ޒޯނަކަށް ބަހާލައިގެން ޚިދުމަތް އަންނަނީ ފޯރުކޮށްދެމުންނެވެ. މިހާތަނަށް 12 އަތޮޅެއްގައިވަނީ ޚިދުމަތް ފަށާފައެވެ. އެންމެ ފަހުން އާރްޓީއެލްގެ ޚިދުމަތް ފަށާފައިވަނީ ތ. އަތޮޅުގައެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހައްދުންމަތީ ގަމުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ މުޅި ރާއްޖޭ އާރްޓީއެލް ފެރީގެ ނިޒާމުން ގުޅާލުމުގެ މަސައްކަތުގެ ތެރެއިން ޚިދުމަތް ނުފެށި ހުރި އަތޮޅުތަކުގައި އެ ޚިދުމަތް ފެށުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެގޮތުން އަތޮޅުތަކަށް ފޮނުވަންޖެހޭ ލޯންޗު ފެރީގެ މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ލޯންޗުތައް ނިމޭހާ އަވަހަކަށް ލާމު އަތޮޅުގައިވެސް އާރްޓީއެލްގެ ޚިދުމަތް ފެށިގެންދާނެކަމަށެވެ. މީގެ އިތުރުން ކުރިއަށް އޮތް 5 މަސްތެރޭ އާރްޓީއެލްގެ ޚިދުމަތް ނުފެށި ހުރި ހުރިހާ އަތޮޅެއްގައި އެ ޙިދުމަތް ފެށިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.
"އެހެންވީމައި އާރްޓީއެލްގެ ޚިދުމަތައް އިންތިޒާރު ކުރައްވާ ރައްޔިތުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އެކަން އެގޮތުގައޭ ހިނގަނީ ގާތްގަނޑަކަށް ފެބްރުއަރީ މާރޗްއާއި ހިސާބަށް ދާއިރު މި އަތޮޅަށްވެސް އަދި ދެންހުރި ޚިދުމަތް ނުފެށި ހުރި އަތޮޅުތަކަށްވެސް އެއޮތީ އެކަން ފެށޭގޮތްވެފައި. އެކަން އެގޮތައް ކުރިއަށްދާނެ" ރައީސް ވިދާޅުވިއެވެ.
އާރްޓީއެލް ފެރީގެ ޚިދުމަތަކީ އަތޮޅުތަކުގެ ރައްޔިތުން ދަތުރުފަތުރުކުރުމަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ޚިދުމަތެކެވެ. ޚިދުމަތް ފެށުމުގެ ކުރިން ކޮންމެ އަތޮޅެއްގައިވެސް ދަތުރުކުރާ ރޫޓުތަކަށް އާންމުން ހޭލުންތެރިކުރުވުމަށް ޚާއްސަ ޕްރޮގްރާމެއް އެމްޓީސީސީން ކުރިއަށްގެންދެއެވެ.
އާރްޓީއެލްގެ ޚިދުމަތާއެކު އަތޮޅުތަކުގެ ރަށްތަކަށް އިޖުތިމާޢީ އަދި އިޤްތިޞާދީގޮތުން ބޮޑެތި ކުރިއެރުންތަކެއް އަންނަމުންދާކަން އެމްޓީސީސީން ފާހަގަކުރައްވައެވެ. މިގޮތުން ސިއްޙީ ޚިދުމަތް ހޯދުމަށް އަތޮޅުތަކުގެ ރީޖަނަލް ހޮސްޕިޓަލްތަކަށް ދަތުރުކުރުމަށްވެސް މިޚިދުމަތުގެ ބޭނުން ގިނަ ބަޔަކު ކުރެއެވެ. އާރްޓީއެލްގެ ޚިދުމަތާއެކު އަތޮޅުތަކުގެ ރަށްރަށުގެ ރައްޔިތުންގެ ދަތުރުފަތުރުކުރުމަށް ބޮޑު ބަދަލެއް އައިސްފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.