ޓުއަރިޒަމް

ގެސްޓް ހައުސް ކޮންފަރެންސްގެ އަމާޒަށް ވާސިލުވެވޭނެ


"ބީއެމްއެލް ގެސްޓްހައުސަސް މޯލްޑިވްސް ކޮންފަރެންސް 2016" އިން ހާސިލްކުރުމަށް ބޭނުންވާ 500,000 ގެސްޓުންގެ ޢަމާޒަށް، ކޮންފަރެންސްގެ ޕާޓްނަރުންނާއިއެކު ވާސިލްވުމަކީ އުނދަގޫކަމަކަށް ނުވާނެ ކަމަށް އެކަން އިންތިޒާމްކުރާ މޯލްޑިވްސް ގެޓަވޭސުން ބުނެފިއެވެ.

ކޮންފަރެންސްގެ ޕާޓުނަރުންނާއިއެކު ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޯލްޑިވްސް ގެޓަވޭސްގެ ބިޒްނަސް ޑިވެލޮޕްމެންޓް އޮފިސަރު ޑރ. ހުސައިން ސަނީ އުމަރު ވިދާޅުވީ، ކޮންފަރެންސްގެ މައިގަނޑު އަމާޒަކީ 2020 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖޭގެ ގެސްޓްހައުސްތަކަށް ފަސްސަތޭކަ ހާސް ފަތުރުވެރިން ގެނައުން ކަމަށެވެ. އަދި ގެސްޓްހައުސް ވިޔަފާރި ފުޅާވަމުންދާ ބާރުމިނަށް ބަލައި، ކޮންފަރެންސްގެ ޕާޓްނަރުންނާއި ހުރިހާ ފަރާތްތައް ގުޅިގެން މަސައްކަތް ކޮށްފިނަމަ އެއީ ކާމިޔާބުނުކުރެވޭނެ ވަރުގެ ކަމެއް ނޫން ކަމަށް ސަނީ ވިދާޅުވިއެވެ.

އެއްދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ކޮންފަރެންސްގެ ތެރެއިން ގެސްޓްހައުސް ތަކަށާއި، ގެސްޓްހައުސް ވިޔަފާރިއަށް ހާއްސަ ބައެއް ޚިދުމަތްތައް ކޮންފަރެންސްގެ ޕާޓްނަރުންނަށް ތަޢާރަފްކޮށްދިނުމަށް ނިންމާފައި ވާކަމަށް މޯލްޑިވްސް ގެޓަވޭސުން ބުނެއެވެ.

އަންނަ ސެޕްޓެމްބަރ މަހުގެ 24 ވަނަދުވަހު ދަރުބާރުގޭގައި ބާއްވާ ރާއްޖޭގެ ފުރަތަމަ ގެސްޓްހައުސް ކޮންފަރެންސްގައި  މިހާތަނަށް 150 ގެސްޓްހައުސް އޯނަރުން ބައިވެރިވެފައި ވާކަމަށް މިކަން އިންތިޒާމްކުރާ ފަރާތުން ބުނެއެވެ.

ދުނިޔޭގެ މަޝްހޫރު އޮންލައިން ޓްރެވަލް އެޖެންޓުންކަމަށްވާ އެކްސްޕީޑިއާ އަދި ބުކިންގ ޑޮޓް ކޮމްގެ ފަރާތުންވެސް ކޮންފަރެންސްގެ ބައިވެރިންނާ އެފަރާތްތަކުގެ ތަޖުރިބާ ހިއްސާކުރާނެ ކަމަށް މޯލްޑިވްސް ގެޓަވޭސްއުން ހާމަކުރެއެވެ.