އިސްދޫ އަދި ކަލައިދޫގެ 30 އެނދުގެ ހޮސްޕިޓަލެއް ތަރައްޤީކުރުމުގެ މަސައްކަތް މިއަހަރު ތެރޭގައި ފެށިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އިސްދޫ އަދި ކަލައިދޫގެ ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވަނީ ދެރަށުގެ ތަރައްޤީއަށް މުހިއްމު މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، ދެރަށުގެ ރައްޔިތުންނަށް މުހިއްމު މަޝްރޫޢުތަކެއްގެ މަސައްކަތް މިދަތުރުފުޅުގެ ތެރެއިން ފަށާފައިވާކަމަށެވެ. އެގޮތުން މަގު ހެދުމުގެ މަޝްރޫޢަށް އަލިއަޅުއްވާލައްވާމުން ރައީސް ވިދާޅުވީ، ރަށުގެ ތަރައްޤީގެ އެހެން ހުރިހާ ކަމެއް މަގުހެދުމުގެ މަޝްރޫޢަށް ބިނާވާނެކަމަށެވެ. އެހެންކަމުން ދިގު މުއްދަތެއްގައި ޤާއިމުވެ މިހާރު އެކަށީގެންވާގޮތުގައި ބޭނުން ނުކުރެވޭ ހާލަތުގައި އޮތް ނަރުދަމާގެ މައްސަލަ ހައްލުކޮށްގެން މަގުހެދުމުގެ މަސައްކަތް ފެށިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.
ސިއްހީ ދާއިރާއިން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ މަޝްރޫޢުތަކުގެ ތަފްސީލްތައް ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ މި ދެ ރަށުގެ ރައްޔިތުންނަށް ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް 30 އެނދުގެ ޒަމާނީ ހޮސްޕިޓަލެއް ތަރައްޤީކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށިގެންދާނެކަމަށެވެ. މި ހޮސްޕިޓަލު ތަރައްޤީކުރާނީ ދެރަށުގެ ރައްޔިތުންނަށް ފަސޭހަވާނެ ސަރަޙައްދެއްގައިކަމަށް ރައީސް ވިދާޅުވިއެވެ.
"ދެރަށުގެ ރައްޔިތުންނަށްވެސް ފަސޭހައިން ޚިދުމަތް ލިބޭނެ ތަނެއްގައި ހޮސްޕިޓަލް އަޅާނީ. އަދި މިހާރު ހުރި މަރުކަޒުގެ ޚިދުމަތްތައް ރަނގަޅުކުރުމަށްވެސް އާޅުގަނޑުމެން ހޮސްޕިޓަލްގެ ކުރިން މަސައްކަތް ކުރާނަން." ރައީސް ވިދާޅުވިއެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ފަތުރުވެރިކަން ފުޅާކުރުމުގައި އިސްދޫ އަދި ކަލައިދޫގެ ތާރީޚީ ކަންކަންކަމަށް ޚާއްސަ އިސްކަމެއްދީގެން އިންވެސްޓުކުރެވިދާނެ ކަމަށެވެ. އަދި މިއީ ކަލައިދޫއަށް ބޮޑު އާމްދަނީއެއް ލިބިގެންދާނެ މަސައްކަތެއްކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ލ. އަތޮޅުގެ ދަތުރުގައި އެންމެ ގިނައިން ދެކެވުނީ އެއަރޕޯޓުގެ ވާހަކަ ކަމަށެވެ. އެގޮތުން 3 ރަށަކުން އެކަމަށް އެދެމުންދާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެއަރޕޯޓު ތަރައްޤީކުރުމުގައި އިސްކަންދޭނީ ދެމެހެއްޓެނިވި ތަރައްޤީއަށްކަމަށެވެ.
"މިރަށުގައި ތަފާތު ކަމަކީ އެއަރޕޯޓެއް އަޅާއިރު، ބިން ހިއްކަން ޚަރަދު ކުރަން ނުޖެހޭ، ބިން ނުހިއްކާ އެކަން ކުރެވޭނެ. އެއީ ފާހަގަކޮށްލަންޖެހޭ ވަރަށް މުޙިއްމު ނުކުތާއެއް" ރައީސް ވިދާޅުވިއެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ލ. އަތޮޅުގައި ދެވަނަ އެއަރޕޯޓެއް ތަރައްޤީކުރާނެ ރަށެއް ނިންމާ، އެ މަޝްރޫޢުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ދަނބިދޫއާއި ކަލައިދޫ ގުޅުވުމުގެ މަސައްކަތް ފަށާފައިވާއިރު، މިއީ ތަރައްޤީގެގޮތުންވެސް ގިނަ ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި އިސްދޫ އަދި ކަލައިދޫގެ ކަރަންޓުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި، ރައްޔިތުންނަށް ފަސޭހަވާނެ ގޮތަށް ގިނަ މަޝްރޫޢުތަކެއް ކުރިއަށްދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އިސްދޫ އަދި ކަލައިދޫ ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވަނީ ކަލައިދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސައުދީއެވެ.