ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހުރާގެ ވަކި ސަރަހައްދެއް ޚާއްސަ ކުރުމާއި ގުޅޭގޮތުން އެރަށުގެ ކައުންސިލާއި، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއާއި މަޝްވަރާކޮށްފިއެވެ.
ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ ހުރާގައި ފުޑް ސެކިއުރިޓީއަށް ވަކި ސަރަހައްދެއް ގާއިމްކުރުމަކީ، އެރަށު ކައުންސިލުންވެސް ޝައުގުވެރިކަން ހުރިކަމެއްކަމުގައެވެ. އެގޮތުން އެރަށުން އެކަމަށް ބިމެއް ކަނޑައަޅާ، ވުޒާރާއާ ހަވާލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފެށިގެންދާނެ ކަމަށް ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މި ބައްދަލުވުމުގައި ދަނޑުވެރިކަމާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވަނީ ފުޑް ސެކިއުރިޓީއަކީ ސަރުކާރުން އިސްކަންދޭ ދާއިރާއެއްކަން ފާހަގަކުރައްވާފައެވެ. އެގޮތުން ސަރުކާރުގެ ކަމާއި ގުޅުންހުރި ހުރިހާ އިދާރާއަކުންވެސް، އެކަމަށް ބޭނުންވާ ހުއްދަތަކާއި، އެހެނިހެން ކަންކަން ހަމަޖެއްސައިދިނުމަށް އިސްކަންދިނުމަށް ވަޒީރު އެދިވަޑައިގަތެވެ.
އަދި މާލެ ސަރަހައްދުގައި މިފަދަ ބިމެއް ޚާއްސަވެފައި އޮތުމަކީ ރައްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށާއި އިޤްތިޞާދަށް މަންފާކުރާނެކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަނެ އެކަމަށް ހައްލުތަކެއް ހޯދައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއްދެއްވާ ކަމެކެވެ.
މި މަސައްކަތުގެ ދަށުން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެގޮތުން ފުށިދިއްގަރުފަޅުގައި ދަނޑުވެރިކަމުގެ ބިޔަ މަޝްރޫޢެއް ކުރިއަށް ގެންދިޔުމަށް ސަރުކާރުންވަނީ ނިންމާފައެވެ. މި މަޝްރޫއުގެ ދަށުން ފަތްޕިލާވެލީގެ ބާވަތްތަކާއި މޭވާއާއި ތަރުކާރީގެ ބާވަތްތައް ރާއްޖޭގެ ރިސޯޓްތަކާއި އަދި މީހުން ދިރިއުޅޭ ރަށްރަށަށް ބޭނުންވާ ވަރަށް އުފެއްދިގެންދާނެއެވެ.
މީގެ އިތުރުން ފުޑް ސެކިއުރިޓީގެ ޤައުމީ މަޝްރޫޢެއް ގއ. ކޮނޑޭގައި ފެށުމައްޓަމައި އެރަށުން ބިމެއްވެސް ވަނީ ކަނޑައަޅާފައެވެ. މި މަޝްރޫއުގެ ދަށުން މޭވާއާއި އާންމުކޮށް މީހުން ކައިއުޅޭ ތަކެތި ހެއްދުމަށް އިސްކަން ދެވިގެންދާއިރު ދަނޑުވެރިކަމުގައި ޒަމާނީ ޓެކްނިލޮޖީ ބޭނުންކޮށްގެން މި މަސައްކަތް ކުރިއަށް ގެންދިޔުމަށް ނިންމައިފައިވާކަމަށް ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެ.