ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން ކުރިއަށްއޮތް ހަފްތާ ބަންދުގައިވެސް ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ހުކުރު ދުވަހު އުތުރާއި މެދުރާއްޖެތެރޭގެ ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާކަމަށެވެ. އަދި ހުކުރު ހޮނިހިރު މި ދެ ދުވަހުވެސް ރާާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.
މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާބެހޭ ޤާއުމީ އިދާރާއިން ވަނީ ބ އަތޮޅުން ފެށިގެން ތ އަތޮޅަށް ރީނދޫ ސަމާލު ނެރެފައެވެ. މި ސަމާލު ނެރެފައިވަނީ ހެނދުނު 5:30 އިން 9:30އަށެވެ.
މި ވަގުތުތަކުގައި އެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހުމާއެކު، ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިޅާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް އެ އިދާރާއިން ލަފާކުރައްވައެވެ.
Alert yellow for heavy rain and strong winds pic.twitter.com/s0SyAmWyOp
— Maldives Meteorology (@MetMaldives) October 23, 2025
ރާއްޖެއަށް މިހާރު ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށާއި، ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެކަމަށާއި، އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.
އަދި ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 50 މޭލު ބާރުމިނަށް ވައިގަަދަވުން އެކަށީގެންވާކަަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. އަދި ކަނޑުތައް އާންމު ގޮތެއްގައި ގަދަވާނެކަމަށާއި، ރާޅުގެ އުސްމިނުގައި 5-8ފޫޓު ހުންނާނެކަމަށް ލަފާކުރެވޭކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ.
މޫސުމާ ބެހޭ ޤާއުމީ އިދާރާއިން ވިދާޅުވީ އާދިއްތަ ދުވަހުން ފެށިގެން މޫސުން އަލިވާން ފަށާނެކަމަށް ލަފާކުރެވޭކަމަށެވެ.
މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ވައިގަދަވެ، ކަނޑުތައް ގަދަވާނެތީ ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއާއި ސަލާމަތީ ޚިދުމަތްތަކުން ވަނީ އިލްތިމާސްކުރައްވާފައެވެ.